ދުނިޔޭގައި ފުރަތަމަ ފަހަރަށް ރޮބޮޓުންނާއި އިންސާނުން ރޭސް ޖަހައިފިއެވެ.

އިއްޔެ ޗައިނާގައި ބޭއްވި ހާފް މެރަތަން ރޭހެއްގައި އިންސާނުންނާއެކު ރޮބޮޓުން ވަނީ ބައިވެރިވެ ރޭސް ފުރިހަމަކޮށްފައެވެ.

ޗައިނާގެ ބެއިޖިންގެ އިރުދެކުނުން އޮންނަ ޔީޒުއަން ޑިސްޓްރިކްގައި ކުރިޔަށް ދިޔަ އެ ހާފް މެރަތަންގައި 20 ރޮބޮޓް ވަނީ ބައިވެރިވެފައެވެ.

ޗައިނާގެ އެކި ކުންފުނިތަކާއި ޔުނިވާސިޓީތަކުގެ ޓީމުތަކުން ގުޅިގެން އެ ރޭހުގައި ބައިވެރިވެފައިވާ އިރު، ޗައިނާއިން ވަނީ އެގައުމު ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ މަންޒަރު ދައްކާލައިފައެވެ.

12،000 އިންސާނުންނާއި 20 ރޮބޮޓ ބައިވެރިވި އެ ރޭހުގައި ރޮބޮޓުން ވަނީ އިންސާނުން ފެން ބުއިމަށް މަޑުކުރާ ގޮތަށް ރޮބޮޓުން ވެސް ބެޓަރީ ބަދަލުކުރުމަށް މަޑުކޮށްފައެވެ. އަދި މީގެ އިތުރުން ބައެއް ޓީމުތަކުން ރޮބޮޓުން ވެސް ބަދަލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ރޭހުން އެއްވަނަ ހޯދައިފައިވާ ރޮބޮޓަކީ ޗައިނާގެ ބެއިޖިން ހިއުމަނޮއިޑް ރޮބޮޓް އިނޮވޭޝަން ސެންޓަރުން އުފައްދާފައިވާ ޓިއަންގޮން އަލްޓްރާ ނަމަކަށް ކިޔާ ރޮބޮޓެކެވެ. އެ ރޮބޮޓް ހާފް މެރަތަން ނިންމާފައިވަނީ ދެ ގަޑިއިރާއި 40 މިނެޓުންނެވެ.

ރޭހުގައި ބައިވެރިވި އިންސާނުންގެ ތެރެއިން އެންމެ އަވަހަށް ރޭސް ނިންމާފައިވާ މީހާ ނިންމީ އެއްގަޑިއިރާއި ދެ މިނެޓުން ކަމަށް އޮފިޝަލުން ބުނެއެވެ.