ބާ ކައުންސިލްގެ ހިންގާ ކޮމިޓީގެ ފަސް މެންބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރަން އަންނަ މަހުގެ 26 ވަނަ ދުވަހު އިންތިހާބެއް ބާއްވަން އެ ކައުންސިލުން ނިންމައިފިއެވެ.

ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުގެމަތިން ރާއްޖޭގެ ބާ ކައުންސިލު ހިންގުމަށް ހިންގާ ކޮމިޓީ އެކުލަވައިލުމާއި އަދި އެ ކޮމިޓީއަށް އިންތިހާބުކުރެވޭ މެންބަރުންގެ ދައުރަކީ ތިން އަހަރު ދުވަސްކަމަށް އެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވެއެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީގައި މިހާރު ތިއްބަވާ މިޒްނާ އަހުމަދު (ނައިބު ރައީސް)، އަހުމަދު މުއިއްޒު (މެންބަރު)، ދީނާ ހުސައިން (މެންބަރު)، އިބްރާހީމް ޝަމީލް (މެންބަރު) އަދި ސާދިހު ނަސީރު (މެންބަރު)ގެ ދައުރު ޖުލައި މަހުގެ 14 ވަނަ ދުވަހު ހަމަވާނެއެވެ.

ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކައުންސިލުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރާނީ ރާއްޖޭގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށެވެ. އަދި ބާ ކައުންސިލުގެ ހިނގަމުންދާ ހިންގާ ކޮމިޓީގެ މެންބަރުންގެ ދައުރު ހަމަވުމުގެ 30 ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެހެންވެ، އެ ފަސް މެންބަރުންގެ ދައުރު ނިމުމަކަށް އައުމުގެ ކުރިން އަންނަ މަހުގެ 26 ގައި އެ ކައުންސިލްގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި އިންތިހާބެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.