މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފޮނުވި މައްސަލައިގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ފޯނުން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ އަދި ޖިންސީ ގުނަވަން ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 22 ގައެވެ.

އެ މައްސަލައިގައި ކުރިއެރުމެއް ލިބިފައިނުވާ ކަމަށްބުނެ އެ ކުއްޖާ ދާދިފަހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގުގައި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފޮރެންސިކް ތަހުލީލުތައް ކޮށް، ހަ މީހެއްގެ ބަޔާނާއި ހެކިބަސް އަދި ދެ މީހެއްގެ ބަޔާން ނަގާފައިވާނެ ކަމަށެވެ.

ނަމަވެސް ކުއްޖާ ބުނާ ބުނުން ފިޔަވައި މައްސަލައާ ގުޅުންހުރި އަދި ކުރާ ތަހުމަތަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ތުހުމަތުކުރެވޭ މީހާ، ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަހުލީލުތަކުން ވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކޮށް 2022 ވަނަ އަހަރުގެ އޭޕްރީލް 22 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަޝްވަރާއަށް ފޮނުވުމުން ބައެއް އިސްލާހުތައް ގެނައުމަށް ޕީޖީން އެދިފައިވާ ކަމަށާއި އެ އިސްލާހުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް ނިމިފައިނުވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.