ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން ވަމުންދާ އިހުމާލު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލަން، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ގޮތުގައި ތިއްބެވި މެންބަރުން ވޯޓު ދެއްވީތީ ހިތާމަކުރައްވާ ކަމަށް އެ މައްސަލަ ހުށަހެޅުއްވި، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

މިއަދު އޮތް އެމްޑީޕީގެ ނިއުސްކޮންފަރެންސްގައި ކުޑޫ ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެހީތެރިކަމަށް އެދުުން ކަމާބެހޭ މުއައްސަސާތަކުން ޖަވާބު ދޭންވެސް ހަ މަސް، ހަތްމަސް ނަގާ ކަމަށެވެ.

އެކަމުގެ ސަބަބުން އެފަދަ ކުދިންގެ ބެލެނިވެރިންނަށް، ނުކަތާވަރުގެ ހަރަދުތައް އިތުރުވެ ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީވެސް އެފަދަ ބެލެނިވެރިންގެ ކަންބޮޑުވުންތަކުގެ ސަބަބުން އެ މައްސަލައަށް ހައްލެއް ގެނައުުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބެލެނިވެރިންގެ ޝަކުވާތަކުގެ ބޮޑު ލިސްޓް ހަދައިފަ އެބަަހުރި ފޮނުވައިފަ، އެފަދަ ކުދިންނަށް ފަރުވާ ހޯދަން މި ޖެހެނީ ވައިބާ ގްރޫޕެއްގައި ޖަހައިގެން، އެކަމަށް އެއްްވެސް ނިޒާމެއް ގާއިމުކުރެވިފައެއް ނެތް އެހީވާކަށް. މި އިހުމާލަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް،" އޭނާ ވިދާޅުވިއެވެ.

ކުޑޫ ވިދާޅުވީ މި މައްސަލަ މަޖިލީހުން ބޭރުކޮށްލުމަކީ އިންސާނިއްޔަތު ކަމެއް ނެތް އަމަލެއް ކަމަށާއި، އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްް ނޫން ކަމަށެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާއާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިދާރާތަކުން އިހުމާލުވަމުންދާ ކަމަށެވެ. އެހެންކަަމުން އެ ކަންތައްތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެ ކަންކަން ހައްލުކުރުމަށް އެ މައްސަލައިގައި އޭނާ ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

މި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، ނުކުޅެދޭ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް އޮތް ނަމަވެސް އެކަމަށްވެސް އިހުމާލުވަމުންދާ ކަމަށެވެ.

އެގޮތުން ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން ދެމުންނުދާތީ ކުދިންގެ އާއިލާތަކުގެ އަމިއްލަ ފައިސާ އިން ހަރަދުކުރަން ޖެހިފައިވާ ކަމަށާއި ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވުމާއި ތެރަޕީގެ އަގު ބޮޑުވަމުންދިއުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެކަށީގެންވާ އަދަދަކަށް ތެރަޕިސްޓުން ނެތުމުގެ ސަބަބުން ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިން، ފަރުވާ އިން މަހުރޫމުވަމުން ދިއުމާއި އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި ސިއްހީ އެކިއެކި އާލަތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެމުން ނުދިއުންވެސް ފާހަގަކޮށްފައިވެއެވެ.

ކުޑޫ ވިދާޅުވީ، މި އިހުމާލުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅުމުގެ އާންމު ހާލަތު ދަށްވަމުންދާކަން ފާހަގަކޮށް، ސިއްހީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިއާދަނުކުރެވޭނެ ގެއްލުންތައް އެފަދަ ފަރާތްތަކާއި އެ ފަރާތްތައް ނިސްބަތްވާ އާއިލާތަކަށް ލިބެމުންދާ ކަމަށެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި، އެ ކަންތައްތަކުގައި އިހުމާލުވާ އިދާރާތަކުގެ މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތައިލުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލައްވައިފައެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަނެ ކުރިއަށް ގެންދަން ފެނޭތޯ ނެގި ވޯޓުގައި، އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ އެ ވަގުތު ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނާއި ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގާއެކު ޖުމުލަ 12 މެންބަރުންނެވެ.

އެ މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލީ ވެރިކަންކުރާ ޕީއެންސީގެ 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.