4 އަހަރުގެ ކުއްޖެއްގެ ނާދިރު ބައްޔެއް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ އެހީގައި، ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މިއީ 17 ޑޮކްޓަރުންނަށް ބަލި ދެނެގަތުމާއި ފަރުވާ ދިނުމަށް ނުކުޅެދުނު ހިނދު، ކަންބޮޑުވެފައިވާ މަންމަޔަކު އޭނާގެ ދަރިފުޅަށް ދިމާވެފައިވާ މައްސަލަ ހޯދުމަށް ޗެޓްޖީޕީޓީގެ އެހީތެރިކަން ހޯދައިގެން ލިބުނު ކުރިއެރުމެކެވެ.

އެލެކްސްގެ މަންމަ ކޯޓްނީ، 3 އަހަރު ވާންދެން ޑޮކްޓަރުންގެ އެހީ ހޯދުމަށް މަސައްކަތް ކުރުމުން ވެސް، އޭނާގެ ދަރިފުޅުގެ ބައްޔަށް އެއްވެސް ފަރާތަކުން އެކަށީގެންވާ ފަރުވާއެއް ނުލިބުނެވެ. އަދި އަސްލު ބަލިވެސް ދެނެއެއް ނުގަނެވުނެވެ. ކޯޓްނީ ޗެޓްޖީޕީޓީގެ އެހީ ހޯދުމަށްފަހު، އެލެކްސްގެ "ޓެދަރޑް ކޯޑް ސިންޑްރޯމް" އާ ބެހޭ މައުލޫމާތު ދެނެގަނެ، ފަރުވާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ވަނީ ހޯދައިފައެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، ކޯޓްނީއަށް އޭނާގެ 4 އަހަރުގެ ދަރިފުޅުގެ ކިބައިން އާދަޔާ ޚިލާފު ބައެއް ކަންތައްތައް ފާހަގަވާން ފެށިއެވެ. އެލެކްސްގެ ދަތުގައި ރިއްސާން ފެށިއެވެ. ފަހުން، މަންމައަށް ފާހަގަކުރެވުނީ އެލެކްސްގެ ހެދިބޮޑުވުމުގެ މިންވަރުވެސް ލަސްވެފައިވާކަމެވެ. މީގެ އިތުރުން، އެ ކުއްޖާގެ ފައިގެ ވައަތާއި ކަނާތު ފަރާތުގައި ހަމަހަމަނުވުން ވެސް ފާހަގަކުރެވެން ފެށިއެވެ. ނަމަވެސް އެއްވެސް ޑޮކްޓަރަކަށް މީގެ އަސްލު ސަބަބު ހޯދައެއް ނުދެވުނެވެ.

ޑޮކްޓަރުންގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް ނުލިބުމުން، ކޯޓްނީ އެލެކްސްގެ އާދަޔާ ޚިލާފު ކަންތައްތަކުގެ ޖަވާބު ހޯދުމަށް ޗެޓްޖީޕީޓީއަށް ބަރޯސާވިއެވެ. އެ މަންމަ ބުނި ގޮތުގައި، އޭނާގެ އެމްއާރްއައި ނޯޓްސްގައި ހުރި ހުރިހާ މައުލޫމާތެއް ވަކިވަކިން ޗެޓްޖީޕީޓީއާ ހިއްސާކުރިއެވެ.

މީގެ އިތުރުން އެލެކްސްއަށް ކުރިމަތިވެފައިވާ ފާހަގަކުރެވޭ ހުރިހާ އަލާމާތްތަކެއް ވެސް ލިޔެ ހިއްސާކުރިއެވެ. ފަރުވާތެރިކަމާއެކު ވިސްނުމަށްފަހު، ސިކުންތުތަކެއްގެ ތެރޭގައި، ޗެޓްޖީޕީޓީން "ޓެދަރޑް ކޯޑް ސިންޑްރޯމް" ކިޔާ ނާރުތަކާ ގުޅުންހުރި ބައްޔެއް ފާހަގަކުރިއެވެ. މިއީ ނާރުތަކުގެ ވިއުގައާއި ސްޕައިނަލް ކޯޑް ވަށައިގެންވާ ޓިޝޫތަކަށް ދިމާވާ ބައްޔެކެވެ.

ޗެޓްޖީޕީޓީގެ ލަފާގެ މަތީން، ކޯޓްނީ މި ބައްޔާ ގުޅޭ ފޭސްބުކް ގްރޫޕަކާ ގުޅުނެވެ. އެތަނުން އޭނާއަށް އެލެކްސްއާ އެއްފަދަ އަލާމާތްތަކެއް ހުރި ކުދިީންގެ މައުލޫމާތު ލިބުނެވެ. އޭގެ ފަހުން، އޭނާ ޗެޓްޖީޕީޓީގެ ހުށަހެޅުމާއެކު އާ ނިއުރޯސަރޖަނެއްގެ އެހީތެރިކަން ހޯދިއެވެ. މިއީ އޭއައި ޗެޓްބޮޓްގެ ދެނެގަތުން ސައްހަތޯ ޔަގީންކުރުމަށް ޓަކައެވެ. ފަހުން، އެލެކްސް ސަރޖަރީއެއް ހެދުމަށްފަހު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.