ދުންފަތް މަނާކުރާ "ޖެނެރޭޝަން ބޭން" 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމެވީ، މިއަދު އޮތް އެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން ބުނީ ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް، "ޖެނެރޭޝަނަލް ބޭން" ތައާރަފުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީހުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމަށް ނިންމަވާފައިވާ އިރު، މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ގާނޫނަށް އިސްލާހު ގެނެސް، ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރަން ފެށުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެމްބަރު 2025 ގައި މި ގާނޫނު ތަންފީޒުކުރަން ފެށުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ "ޖެނެރޭޝަނަލް ބޭން" ކަނޑައަޅުއްވާނޭ ގޮތާ މެދު ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ރައީސް، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހުޅުވާލެއްވިއެވެ. މިއީ ރާއްޖޭގެ ރައީސަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ގޮތާ ހިލާފަށް ރައީސްގެ ޕޯލުގެ ނަތީޖާއިން ދެއްކިގޮތުގައި ގިނަ މީހުން ބޭނުންވީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަަށެވެ. ދެވަނައަށް އެންމެ ގިނަ މީހުން ބޭނުންވީ މިއަދު ނިންމާފައިވާ ގޮތަށް 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުމަށެވެ.

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށްވެސް ރައީސް ވަނީ މީގެ ކުރިން ގޮވާލައްވައިފައެވެ.