މިދިޔަ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 3.38 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު, މި އަދަދަކީ 2024 އަހަރުގެ މާޗް މަހު ލިބުނު އާމްދަނީއަށްވުރެ 15.1 ޕަސެންޓު އިތުރު އަދަދެކެވެ. އަދި، އެ މަހުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 26.2 ޕަސަންޓު އިތުރު އަދަދެކެވެ.
މާޗް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީއެސްޓީއެވެ. އެއީ 57 ޕަސެންޓު ނުވަތަ 1.5 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައެވެ. އެއީ 384.2 މިލިއަން ރުފިޔާއެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކްސް ބޮޑުކޮށްފައިވުމުން، މިމަހު ވެސް ގްރީން ޓެކްސްގެ ގޮތުގައި ވެސް ވަނީ ބޮޑު އަދަދެއް ލިބިފައެވެ. އެއީ އާމްދަނީގެ އަށް ޕަސަންޓެވެ. މާޗް މަހު ގްރީން ޓެކްސްގެ ގޮތުގައި ވަނީ 270 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ.
ގްރީން ޓެކްސް ބޮޑުކުރި ފަހުން މިދިޔަ ތިން މަހު ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ ދެ ގުނަ ބޮޑުވެފައެވެ. މިދިޔަ ތިން މަހު ގްރީން ޓެކްސްގެ ގޮތުގައި 527 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ގާނޫނުތަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް މިދިޔަ ނޮވެމްބަރު މަހު އަމަލުކުރަން ފަށާފައިވާ އިރު، މިއަހަރުން ފެށިގެން ގްރީން ޓެކްސް ވަނީ 100 ޕަސެންޓަށް ބޮޑުވެފައެވެ.
އެގޮތުން 50 ކޮޓަރިއަށްވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ނަގަނީ ހަ ޑޮލަރެވެ. ރިސޯޓުތަކުން ނަގަނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނަގައެވެ. ސަރުކާރުން ބުނާ ގޮތުން އެ ބަދަލާއެކު ދައުލަތަށް އާމްދަނީގެ ގޮތުގައި އިތުރު 964 މިލިއަން ރުފިޔާ ލިބޭނެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)