ދިވެހިން އާންމުކޮށް ގޮސް އުޅޭ ބައެއް ގައުމުތަކުން އައިޑީކާޑު ހެދޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

"ސަރުކާރު.އެމްވީ" ގައި ހޯމް މިނިސްޓްރީން މިއަދު ޝާއިއުކުރި ލިޔުމެއްގައި ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒު ކަމަށް ބުންޏެވެ.

"ދިވެހިން ގޮސްއުޅޭ ބައެއް ގައުމުތަކުގައިވެސް އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމަށް ޑީއެންއާރުން ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މެލޭޝިއާ، ސްރީ ލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސި ވިލާތުގައި އެ ހިދުމަތް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ" ހޯމް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ 15 ރަށެއްގައި އައިޑީކާޑު ޕްރިންޓު ކުރުމުގެ ހިދުމަތް މިހާރު ދެމުން އަންނައިރު އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް މި މަހުގެ ތެރޭގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެއީ މ. މުލި، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫ އެވެ.