ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރި އިސްރާއީލު ސިފައިން މަގާމުން ވަކިކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ނަސްލެއް ނައްތާލުމުގެ ހަނގުރާމަ ހުއްޓާލައި ގާޒާގައި ހަމާސް އިން ހިފަހައްޓާފައިވާ އަސީރުން ދޫކޮށްލުމަށް ގޮވާލައި އިސްރާއީލުގައި ކުރިއަށްގެންދިޔަ އެ ޕެޓިޝަންގައި ސޮއިކޮށްފައިވަނީ އިސްރާއީލް ސިފައިންގެ އެއާފޯސްގައި ހަރަކާތްތެރިވާ ޕައިލެޓުންނެވެ.

އިސްރާއީލުގެ މިލިޓަރީން އިއްޔެ ބުނީ އާންމުވެފައިވާ އެ ޕެޓިޝަންގައި ސޮއިކޮށްފައިވާ ސިފައިން އެއާފޯސް އިން ވަކިކޮށްފައިވާ ކަމަށާއި އެމީހުންނަށް އިސްރާއީލުގެ ޑިފެންސް ފޯސްގައި އިތުރަށް ނުތިބެވޭނެ ކަމަށެވެ.

އިސްރާއީލުގެ މިލިޓަރީން ވަނީ މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ސިފައިން އެ ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ ނޫސްތަކާއި ބައެއް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުގައި އާންމުކޮށްފައިވާ އެ ޕެޓިޝަނަކީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް މިލިޓަރީ އޮފިޝަލުން ބުނެއެވެ.