ނ. ހޮޅުދޫގެ ގެއެއްގެ ގުދަނެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް/ ޒަކިއްޔާ މޫސާ، 50އ ގެ ހަށިގަނޑު ނަގައިގެން އޭނާގެ އޮޓޯފްސީ ހަދަން އާއިލާ އިން ފުލުހުގައި އެދިއްޖެއެވެ.
ޒަކިއްޔާގެ އާއިލާގެ ފަރާތުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް މިއަދު ފޮނުވި ސިޓީގައި ވަނީ ޒަކިއްޔާގެ މަރާގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ފުލުހުންގެ ފަރާތުން ބައެއް ސުވާލުތަކުގެ ޖަވާބު ހޯދަން އެެދިފައެވެ.
އެގޮތުން ޒަކިއްޔާގެ ވާޗުއަލް އޮޓޯޕްސީއެއް ހެދުމަށްފަހު އޭނާ މަރުވީ އަމިއްލައަށް ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ފުލުހުންގެ ފަރާތުން ލިބުން މައުލޫމާތެއް ކަމަށް ގަބޫލުކުރެވޭތީ، އެފަދަ އޮޓޯޕްސީއެއް ހަދާފައިވާނަމަ އެކަމުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަން އެ ސިޓީގައި އެދިފައިވެ އެވެ.
އަދި ޓްރެޑިޝަނަލް އޮޓޯޕްސީއެއް ހެދިޔަސް ނުވަތަ ވާޗުއަލް އޮޓޯޕްސީއެއް ހެދިޔަސް އިންސާނަކު އޭނާގެ ކަރުގެ ވާތް ފަރާތުގައި އަމިއްލައަށް ތިން ފަހަރު ވަޅި އަޅައި، ކަނާތް ފަރާތުގައި ދެ ފަހަރު ވަޅި އަޅައިގެން އަމިއްލައަށް މަރުވެދާނެ ކަމަށް ދެކުމަކީ ގަބޫލުކުރަން ދަތިކަމެއް ކަމެއް ކަމަށް ބުނެފައިވެ އެވެ.
އެހެންވެ އާއިލާއިން ވަނީ މައްޔިތާ ވަޅުލުމަށްފަހުގައިވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓޯޕްސީ ހެދުމަކީ ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް ކުރާ ކަމަކަށްވާއިރު، ޒަކިއްޔާގެ ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޯސްޕީއެއް ހެދުމާ ގުޅޭ ގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރަން އެދިފަ އެވެ.
އަދި ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން އެ ތަހުގީގުގައި ފުލުހުން ޝާމިލުވުމަކީ މަސްލަހަތަށް ފުށޫއަރާ ކަމަކަށްވާތީ، ފުލުހުން އެ ތަހުގީގުން އެކަހެރިވެ، މުޅި ތަހުގީގު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށްވެސް އާއިލާގެ ފަރާތުން އެދިފައިވެ އެވެ.
ޒަކިއްޔާގެ އާއިލާއިން ފޮނުވި ސިޓީގައި ޒަކިއްޔާގެ އޮޓޯޕްސީ ނުހަދަން އޭރު ނިންމި ފުލުހުންނާއި ތަހުގީގުގެ އެކި މަރުހަލާތަކުގައި އިހުމާލުވި ކަމަށް ބުނާ ފުލުހުންނާމެދު މިހާތަނަށް އަޅާފައިވާ ފިޔަވަޅުތައް ސާފުކޮށްދިނުމަށްވެސް އެދިފައިވެ އެވެ.
އަދި ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ބުނާއިރު، އޭނާގެ ނަފުސާނީ ބަލިހާލުގެ ގޮތުގައި ޑައިގްނޯސްވެފައިވަނީ ކޮން ބާވަތެއްގެ ބައްޔަކަށްތޯވެސް އާއިލާ އިން ސާފުކުރަން ބޭނުންވާ ކަމަށް ޒަކިއްޔާގެ އާއިލާގެ 16 މެންބަރަކު ސޮއިކޮށް ހުށަހެޅި ސިޓީގައި ބުނެފައިވެއެވެ.
ޒަކިއްޔާގެ މަރުގެ ޓައިމްލައިން:
- 10 ސެޕްޓެމްބަރު 2024 - ޒަކިއްޔާގެ މަރުވެފައި އޮއްވައި ފެނުނު ދުވަސް
- 10 ސެޕްްޓެމްބަރު 2024 - ޒަކިއްޔާގެ މަރު ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް އެރި
- 11 ސެޕްޓެމްބަރު 2024 - ތަހުލީލުތައް ހެދުމަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައި
- 12 ސެޕްޓެމްބަރު 2024 - ޒަކިއްޔާގެ ހަށިގަނޑު އަލުން ހޮޅުދޫއަށް ގެންދިޔަ
- 12 ސެޕްޓެމްބަރު 2024 - ޒަކިއްޔާގެ ހަށިގަނޑު ހޮޅުދޫގައި ވަޅުލި
- 25 ނޮވެމްބަރު 2024 - ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ބޮޑު ހިނގާލުމެއް ބޭއްވި
- 3 ޑިސެމްބަރު 2024 - ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި (އެ ބައްދަލުވުމުގައި ޒަކިއްޔާގެ މަރުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ތަހުގީގަށް ފާހަގަވެފައިނުވާ ކަމަށް ފުލުހުން ބުނި)
- 23 ޖެނުއަރީ 2025 - ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަން ފެށި
- 23 ފެބްރުއަރީ 2025 - ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރްސީއެމާއި އެންއައިސީން ބަލަން ފެށި
- 26 ފެބްރުއަރީ 2025 - ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫގައި ބޭއްވި ސިލްސިލާ އިހުތިޖާޖުތަކުގެ ސަބަބުން ފުލުސް ކޮމިޝަނަރާއި ހޯމް ލޭންޑް މިނިސްޓަރު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވި (އެ ބައްދަލުކުރެއްވުމުގައި ހޯމް މިނިސްޓަރު ވަނީ ޒަކިއްޔާގެ އޮޓޯޕްސީ ނުހެދުމަކީ ތަހުގީގު މަރުހަލާގައި ހެދުނު ގޯހެއްކަމަށް އިއުތިރާފުވެވަޑައިގެންފައި)
އަލީ ޔާމިން
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި