ގާޒާއަށް ފޯރުކޮށްދޭ ފެނުން 70 ޕަސަންޓު ކަނޑާލައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ވަނީ އިސްރާއީލުގެ ކުންފުންޏަކުން އުފައްދައި ގާޒާއަށް ފޯރުުކޮށްދެމުންދިޔަ ފެނުގެ ނިސްބަތުން 70 ޕަސަންޓު މެދުކަނޑާލާފައިފައެވެ.

ގާޒާގެ މުނިސިޕަލްޓީ ތަރުޖަމާނު ހުސްނީ މެހަންނާ ވިދާޅުވީ އިސްރާއީލުން މަދުކޮށްފައިވަނީ ގާޒާއަށް ފެން ލިބޭ މައި ހޮޅިން ކަމަށާއި އެ ހޮޅި ހުންނަނީ އިރުމަތީ ގާޒާ އިން ފެށިގެން އެ ސިޓީގެ ތެރެއަށް ކަމަށެވެ.

ފެނުގެ ހިދުމަތް މަދުކުރުމަށް އިސްރާއީލުން ނިންމި ސަބަބެއް ހާމަކޮށްފައި ނުވާ ކަމަށާއި އެކަން ހައްލުކުރުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާޒާއަށް ދޫކުރާ ފެނުގެ ބޮޑު އިންސައްތައެއް އުނިކުރުމުގެ ބޭނުމަކީ އިސްރާއީލުގެ ހައްދު ފަހަނައަޅާފައިވާ ސަރުކާރުން މިލިޓަރީ ސަބަބަކަށްޓަކައި ނުވަތަ އިސްރާއީލުގެ އެތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ފިނިކުރުމަށް ސިޔާސީ އުކުޅަކަށް ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ހުސްނީ ވިދާޅުވީ ފެން ދޫކުރާ ނިސްބަތް ބޮޑު ތަނަކުން މަދުކުރުމުން މުޅި ގާޒާ ފެނަށް ޖެހި، އިތުރު ކާރިސާއަކަށް ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށެވެ.