ބިންހެލުމުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު 3،600 އަށް އަރައިފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު މިޔަންމާއަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން އެގައުމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، މިޔަންމާގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބިންހެލުމުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު 3،600 އަށް އަރާފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ދަނީ ފެންނަމުންނެވެ. އެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.

މިޔަންމާގެ މިލިޓަރީ ސަރުކާރުން ބޭރުގެ އެހީއާއެކު ކުރިއަށްގެންދާ ރެސްކިއު އޮޕަރޭޝަނަށް ވިއްސާރައިގެ ސަބަބުން ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

މިޔަންމާގެ ފަޔާ ސާވިސްއިން ޑިޕާޓްމަންޓުން ބުނީ މީހުންގެ ހަށިތައް ނެރުމަށް ކުރަމުން އަންނަ މަސައްކަތް ކުރިއަށްދާ އިރު، އިއްޔެ އެކަނިވެސް 10 މީހެއްގެ ހަށިގަނޑު ހޯދައިފައިވާ ކަމަށެވެ.

މިޔަންމާގެ މިލިޓަރީ ސަރުކާރުގެ ތަރުޖަމާނު ޖެނަރަލް މިން ޓުން ވިދާޅުވީ އެގައުމަށް އައި ބިންހެލުމުގައި 5،017 މީހުންނަށް އަނިޔާވެފައިވާ ކަމަށާއި މިހާތަނަށް 160 މީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.