މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަބަދުވެސް ޝަކުވާއަކަށް ވެފައިވަނީ، އީދުގައި ރަށްރަށުން ފެންނަ ފަދަ ހަރަކާތްތައް މާލެއިން ނުފެނުމެވެ. ދަރީންނާއެކު އީދުގައި ސަގާފީ ހަރަކާތްތައް ބަލައިލުމުގެ ފުރުސަތު މާލެ ސަރަހައްދުން ނުލިބޭތީއެވެ. އެހެންކަމުން އީދަށް ރަށްރަށަށް ދަތުރުކުރާ މީހުން ވެސް މަދެއް ނޫނެވެ.

ނަމަވެސް އެކަން ބަދަލުކޮށްދިނުމަށް އެމްޓީސީސީން ވަނީ ތައްޔާރުވެފައެވެ. މިއަހަރުގެ ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން "އީދު ހަވީރު"ގެ ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި އެމްޓީސީސީގެ ބައިވެރިވުން ފެނިގެންދާނެއެވެ.

29 މާޗް 2025، މާލެ، "އެމްޓީސީސީ އީދު ކޯޑި"ގެ މަސައްކަތްތައް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ބައްލަވައިލައްވަނީ -- ފޮޓޯ/ އެމްޓީސީސީ

ޖުމްހޫރީ މައިދާން ސަރަހައްދުގައި މިއަދު ބާއްވާ އީދު ހަވީރުގައި "އެމްޓީސީސީ އީދު ކޯޑި" ސްޓޯލް ބެހެއްޓޭނެއެވެ. "އެމްޓީސީސީ އީދު ކޯޑި" ސްޓޯލްއަކީ ދިވެހި ސަގާފީ ތީމަކަށް ފަރުމާކޮށްފައިވާ އެވޭލާ ޒަމާނުއްސުރެ ދިވެހިން އީދު ފާހަގަކުރުމުން އައި ބައެއް ކަންކަމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސްޓޯލެކެވެ.

އެމްޓީސީސީގެ އެ ސްޓޯލް ހުންނާނީ އިއްޒުއްދީން ފާލަމާއި، އެމްއެމްއޭއާ ދެމެދު އޮންނަ ޖާގައިގައެވެ. ސްޓޯލް ހުޅުވިފައި ހުންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

https://www.facebook.com/mtcc.plc/videos/966734812301755

"އެމްޓީސީސީ އީދު ކޯޑި" ސްޓޯލްގައި މައިގަނޑު ފަސް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ކޯޑި، ބޮޑުމަސް، ބޮޑުބެރު، ކުޑަކުދިންނަށް ފަނުން ކުޅޭ އެއްޗެހި ވިޔަން ދަސްކޮށްދިނުން ހިމެނެއެވެ.

އޭގެ އިތުރުން ޖުމްހޫރީ ފައުންޓެއިން ކައިރީ ކުޑަކުދިންނަށް އަރައި ފޭބޭ ކަހަލަ ވޯޓާ ސްލައިޑެއް ވެސް ހުންނާނެއެވެ. ވޯޓާ ސްލައިޑަށް ދާ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ދެ ޖިންސަށް ވަކިން ބޭނުންކުރެވޭ ގޮތަށް ޗޭންޖިން ރޫމެއް ގާއިމުކޮށްފައި ވެސް ހުންނާނެއެވެ.

29 މާޗް 2025، މާލެ، "އެމްޓީސީސީ އީދު ކޯޑި"ގެ މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީގެ އަމާޒަކީ އިހުގައި އީދު ފާހަގަކުރަމުންދިޔަ ގޮތްތައް މިއަދުގެ ޒުވާން ޖީލަށް ދައްކައިދިނުމަށެވެ. ދިވެހި ސަގާފަތް ދައްކައިދިނުމަށް ބަހައްޓާ އެ ސްޓޯލްގައި ކުރިއަށްދާ ހުރިހާ ހަރަކާތްތަކެއްގައި ވެސް ހަރަކާތްތެރިވާނީ އެ ކުންފުނީގެ މުވައްޒަފުންނެވެ. އެމްޓީސީސީން ވަނީ އެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފައެވެ.

އެމްޓީސީސީން އެދެނީ މިއަދު ހަވީރު އެމްޓީސީސީ ސްޓޯލަށް ޒިޔާރަތްކޮށް، ސަގާފީ އީދެއް ތަޖުރިބާކޮށްލުމަށެވެ. އީދުގެ ހަގީގީ ކުލަ ޖައްސުވައިދިނުމަށް އެ ކުންފުނި ތައްޔާރެވެ.