ބިންހެލުމުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު 1،644 އަދި ބެންކޮކުން 10 މީހުންނަށް އަރައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، މިދިޔަ ހުކުރު ދުވަހު މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 1،644 އަށް އަރާފައިވާ އިރު، އަނިޔާވީ މީހުންގެ އަދަދު 3،408 އަށް ވަނީ އަރައިފައެވެ.

މިޔަންމާއިން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ އަދަދެއްގެ ބަޔަކު ތާށިވެފައިވާ ކަމަށް އެގައުމުގެ މިލިޓަރީ ސަރުކާރުން ބުނާ އިރު، ގެއްލިފައިވާ މީހުންގެ އަދަދު 139 އަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބިންހެލުމުގައި ތައިލެންޑުގެ ބެންކޮކަށްވެސް އެކިވަރުގެ ގެއްލުން ވެފައިވާ އިރު، އެގައުމުން މަރުވެފައިވާ މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އަނިޔާވީ މީހުންގެ އަދަދު 42 އަށް އަރާފައިވާ އިރު، 78 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޔަންމާގެ މިލިޓަރީ ސަރުކާރުން ބުނެފައިވަނީ އެގައުމަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ އެ ބިންހެލުމުގައި އެގައުމުގެ ގިނަ އަދަދެއްްގެ އިމާރާތްތައް ވެއްޓި، މުޅި ގައުމު ވަނީ އިންސާނީ ކާރިސާއަކާ ކުރިމަތިވެފައި ކަމަށެވެ.

މިޔަންމާގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާ އިރު، އެގައުމުން ވަނީ ބޭރުގެ އެހީ ހޯދަން ފަށައިފައެވެ. އެގޮތުން ޗައިނާއިން ވަނީ ހާއްސަ ޓީމެއް މިޔަންމާއަށް ފޮނުވައިފައެވެ.