ކެޕްޓަން އިބްރާހިމް ޓްރައޯރޭއަކީ އެފްރިކާގެ ގައުމެއްކަމަށްވާ ބުރުކީނަފާސޯގެ ވަގުތީ ލީޑަރެވެ. އޭނާ ވެރިކަން ހޯއްދެވީ 2022 ވަނަ އަހަރު ލެފްޓިނަންޓް ކާނަލް ޕޯލް އޮންރީ ޑަމީބާއާ ދެކޮޅަށް ގެނެވުނު އަސްކަރީ އިންގިލާބަކަށްފަހުއެވެ. ޝައުގުވެރިވާންޖެހޭ ނުގުތާއަކީ ކުރިން ވެރިކަމުގައި ހުންނެވި ޑަމީބާއަށް ބާރުތައް ހޯދައިދިނުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރެެެއްވީ ޒުވާން ކެޕްޓަން ޓްރައޯރޭ ކަމަށްވުމެވެ. އޭގެކުރިން ވެރިކަމުގައި ހުންނެވި މާކް ކަބޯރޭ މަގާމުން ދުރުކުރުމަށްފަހުގައެވެ. ކޮންމެއަކަސް ފާއިތުވި ދެއަހަރާ ބައިގެ ތެރޭގައި އުމުރުން އެންމެ 37 އަހަރުވީ އިބްރާހިމް ޓްރައޯރޭ ވަނީ ބުރުކީނަފާސޯއަށް ނުހަނު ގިނަ އަވަސް ބަދަލުތައް ގެންނަވައިފައެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގައި އޭނާއަށްޓަކައި ރައްޔިތުން ފަޚުރުވެރިވަނީއޭ އެއްބަޔަކު ބުނެއެވެ. އަނެއްކޮޅުން ހުޅަގުގެ ގައުމުތަކުން އޭނާ ދެކެ ރުޅިން އަނދަނީކަމަށްވެސް ބުނެއެވެ. ހުޅަގުގެ އިސްތިއުމާރީ ވަކިތަކުން ބުރުކީނަފާސޯ ސަލާމަތްކުރުމުގެ ގޮތުން އަޅުއްވަމުން ގެންދަވާ ކުއްލި އަވަސް ފިޔަވަޅުތަކުގެ ސަބަބުން ކަމަަށްވެއެވެ.
ވަކިއަތަކަށްނުޖެހޭ މީހުން ތިބީ ޒުވާން ޓްރައޯރޭގެ ކެރުމާއި ހިތްވަރާމެދު އަޖާއިބުވެ އަންތަރީސްވެފައޭވެސް ބުނެވެއެވެ. ދެންވާނީ ކިހިނެއް ބާވައެވެ. އެފްރިކާގެ އެކި ގައުމުތަކުގެ ތާރީޚުގައި ކަންކަން ހިގާފައިވާ ގޮތުން ބިރުވެރިކަން އުފެދެއެވެ. ޓްރައޯރޭއަކީ ކާކުބާވައެވެ. އޭނާ އުފަންވީ 1988 ވަނަ އަހަރު ރަށްފުށުގެ ކުޑަކުޑަ އަވަށެއްގައެވެ. ޔުނިވަރސިޓީ ތައުލީމު ހާސިލްކުރެއްވީ ވެރިރަށުގައެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ އުމުރުފުޅުން 22 އަހަރުގައި 2010 ވަނަ އަހަރުއެވެ. އެތަނުގެ އަސްކަރީ އެކަޑެމީން ދަސްވެނިވެގެން ސެކަންޑް ލެފްޓިނަންޓެއްގެ ގޮތުގައި ެައަސްކަރިއްޔާގެ ޚިދުމަތަށް ނުކުމެވަޑައިގަތީ 2012 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަވެސް އެފްރިކާގެ އެހެން ގައުމެއް ކަމަށްވާ މާލީގައި އޮންނަ އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައެވެ. ދާދިއަވަހަށް ލެފްޓިނަންޓެއްގެ ރޭންކަށް ޕްރޮމޯޓްވުމާވެސް އެކުގައެވެ. އޭގެފަހުން ބުރުކީނަފާސޯގެ އުތުރުގައި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވެވަޑައިގަތުމާއެކު 2020 ވަނަ އަހަރު ކެޕްޓަންކަމުގެ ރޭންކަށް ވަނީ ޕްރޮމޯޓް ކުރެވިފައެވެ. އޭރު އުމުރުފުޅަކީ އެންމެ 32 އަހަރެވެ.
އޭގެ ދެއަހަރު ފަހުން ޑަމީބާއަށް ވެރިކަން ހޯދައިދިނުމުގައި އިސްދައުރެއް އަދާކުރެއްވުމަށްފަހު ހަމަ އެހައި އަވަހަށް ޑަމީބާއާ ދެކޮޅަށް އަސްކަރީ އިންގިލާބެއް ގެންނަވައި އަމިއްލަފުޅަށް ޓްރައޯރޭ ވެރިކަން ހޯއްދަވައިފިއެވެ. އުމުރުފުޅުން އެންމެ 34 އަހަރުގައެވެ. ލޭއޮހޮރުވުން ބޮޑު އިންގިލާބަކަށްފަހުގައެވެ. ބުރުކީނަފާސޯގައި ކެޕްޓަން އިބްރާހިމް ޓްރައޯރޭ ކުރައްވަމުން ގެންދަވާ ވެރިކަމާމެދު ރައްޔިތުން ތިބީ ހިތްހަމަޖެހިގެން ބާވައެވެ. ރަސްމީ މީޑިއާއިން ދައްކާ މަންޒަރުތަކާއި އިއްވާ އަޑުތަކަށް ބަލާއިރު ރައްޔިތުން ތިބީ ހިތްހަމަޖެހިގެން ކަމަށް ގަބޫލުކުރެވެއެވެ. ބައެއް މީހުން ތަންކޮޅެއް ކުރިން ބުރުކީނަފާސޯގައި ހަމަ މިކަހަލަ އިންގިލާބީ ވެރިކަމެއް ކުޑަކުދަވަސްކޮޅަކަށް ކުރެެއްވި އަސްކަރީ އޮފިސަރެއް ކަމަށްވާ ތޯމަސް ސަންކާރާއާވެސް އޭނާ އެއްފަދަ ކުރެއެވެ. އެވެސް ސިފައިންގެ ކެޕްޓަނެކެވެ. މިވެސް ސިފައިންގެ ކެޕްޓަނެކެވެ.
އޭނާވެސް ވެރިކަން ހޯއްދެވީ އަސްކަރީ އިންގިލާބެއްގައި އުމުރުފުޅުން 34 އަހަރުގައެވެ. މިއީވެސް ހަމަ އެ އުމުރުގައި އެގޮތަށް ވެރިކަން ހޯއްދެވި ބޭފުޅެކެވެ. ފުންކޮށް ވިސްނައިލާއިރު ރޭންކާއި އުމުރު ފިޔަވައި ދެބޭފުޅުން އެއްގޮތްވާ އެހެންކަމެއް ނުފެނެއެވެ. ނުވަތަ ނެތެވެ. ފިކުރީގޮތުން މުޅިން ތަފާތު ދެބޭފުޅުންނެވެ. ސިޔާސީ އެޖެންޑާގައިވެސް މުޅިން ތަފާތެވެ. ކެޕްޓަން ތޯމަސް ސަންކާރާގެ އިންގިލާބަކީ ފިކުރީގޮތުން ދެބަޔަކަށް ސިފައިން ބެހުމުގެ ނަތީޖާއެއްގެ ގޮތުން 1980 ގެ އަހަރުތަކުގެ ތެރޭގައި އުފަންވި އިންގިލާބެކެވެ. މިހާރު އެކަހަލަ ކަމެއް ނެތެވެ. ޓްރައޯރޭގެ އިންގިލާބުގައި ސިފައިންގެ ގިނަ އޮފިސަރުން ބައިވެރިއެއްވެސް ނުވެއެވެ. އެހެންކަމުން އޭނާ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިފައިންގެ ސަފުތައް އެހެން ގޮތަކަަށް އަތުރައިލެއްވުމަށެވެ. ގައުމުގެ އާމްދަނީގެ ބޮޑުބައެއް އަސްކަރިއްޔާއަށް ޚާއްސަކުރެެއްވުމާއެކުގައެވެ.
ގައުމުގެ އުތުރުގައި ހިގަމުންދާ ވަކިގެގަތުމުގެ ހަރަކާތްތައް މައިތިރި ކުރުމަށް ސިފައިން ފޮނުވުމުގެ ބަދަލުގައި ޓްރައޯރޭ އިސްކަން ދެއްވަނީ އާއްމުންގެ ތެރެއިން ވޮލަންޓިއަރުންގެ ފައުޖުތަކެއް ނެރުއްވައި ސިފައިން ޚަރަދުކުރާ އަދި ތަމްރީނުކުރާ މިލީޝިއާތަކެއްގެ ގޮތުގައި މި ެއޮޕަރޭޝަނުގައި ބައިވެރި ކުރުމަށެވެ. ފެންނަ ފެނުމުގައި ޓްރައޯރޭގެ ސިޔާސަތުތަކާ ދެކޮޅުހަދަނީ ހުޅަގުގެ ގައުމުތަކުގެ މަދަދު ލިބޭ ބައެކެވެ. ޚާއްސަގޮތެއްގައި ފްރާންސްގެ ނިވަލުގައި ހަރަކާތްތެރިވާ ބައެކެވެ. ބުރުކީނަފާސޯއިން ފަރަންސޭސި ސިފައިން ބޭރުކޮށްލަން ޓްރައޯރޭ ނިންމެވީ މި ތުހުމަތުގެ ސަބަބުންނެވެ. ކޮންމެއަކަސް ކެޕްޓަން ޓްރައޯރޭގެ އަސްކަރީ ސަރުކާރުގެ ހިމާޔަތުގައި ކަމަރު ބަނދެގެން ތިބިކަމަށް ފެންނަނީ ރަޝިޔާގެ ކުލީ ސިފައިންނެވެ. އޭގެ ގާތްގަޑަކަށް ތިންސަތޭކައެއްހައި މީހުން ބުރުކީނަފާސޯގައި ތިބިކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. ޓްރައޯރޭ ކޮންމެތާކަށް ވަޑައިގެންނެވި ކަމަށްވިޔަސް ހިމާޔަތުގައި އެކިވައްތަރުގެ ހަތިޔާރާއެކު ގިނައިން ހަރަކާތްތެރިވާތީ ފެންނަނީ ރަޝިޔާގެ މިދެންނެވި ފައުޖުގެ މީހުންނެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ޓްރައޯރޭއަކީ އެފްރިކާގެ ގައުމުތަކުގެ ވެރިން އާއްމުގޮތެއްގައި އުޅުއްވާ އަރާމު ދިރިއުޅުމާ މުޅިން ދުރުގައި ހުންނަވާ ބޭފުޅެއްތޯއެވެ. މުސާރަވެސް ނުނަންގަވާ އަދި ރިޔާސީ ގަޑުވަރެއްގައިވެސް ނޫޅުއްވާ އަދި އަގުބޮޑު ރިޔާސީ ކާރުވެސް ބޭނުން ނުުކުރައްވާ ބޭފުޅެއްތޯއެވެ. ޖަވާބުގައި ދަންނަވަން ޖެހެނީ ސަލާމަތީ ސަބަބުތަކަށްޓަކައި މަދަނީ ވެރިން އުޅުއްވާ ގޮތަށް އުޅުއްވެން ނެތީ ކަމުގައެވެ. މުސާރަޔާމެދު އެއްޗެއް ބުނާކަށް އެކަކަށްވެސް ނޭގެއެވެ. ސަބަބަކީ ގައުމުގެ އާމްދަނީގެ ދެބައިކުޅަ އެއްބައި މިހާރު ވަންނަނީ ސިފައިންގެ ތިޖޫރީއަށް ކަމަށްވެފައި އެތިޖޫރީގެ ތަޅުދަޑީގެ ވެރިޔަކީ ޓްރައޯރޭ ކަމަށް ވުމެވެ. ޓްރައޯރޭއަކީ އާދަޔާ ޚިލާފު ހިތްތިރި ހުނަރުވެރި މޮޅު ވެރިއަކަށް އެއްބަޔަކު ހަދާއިރު އެއީ ރޫސީ ކުލީ ސިފައިންގެ ކޮންޓްރޯލް ދަށުގައިވާ ގޮނޑިކޮއްކޮއެއް ކަމަށް އަނެއްބަޔަކު ސިފަކުރެއެވެ. ދެންއޮތީ މިވާގޮތާ ދޭތެރޭ ވިސްނައިލުމެވެ. އެގޮތަށް ވިސްނީމާ ކުރެހިގެންދާ މަންޒަރަކީ ރަޝިޔާ އާއި ހުޅަގުގެ ގައުމުތަކާ ދޭތެރޭގައި ކެކެމުން އަރަމުންދާ އުދާސްތަކުގެ މަންޒަރެވެ. އެނޫން އާދަޔާ ޚިލާފުކަމެއް ނެތެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ