ހެޔޮކަމެއް ކުރެވިއްޖެ ނަމަ، އެ ހެޔޮކަމެއް ކުރުން މަތީ ދެމިތިބެން ޖެހޭ ކަމަށާއި ކުރެވުނު އަމަލަކުން ސުވަރުގެ ޔަގީންވީކަމަށް ދެކިގެން ނުވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ފުރިހަމަ މުއުމިނަކު، ދުވަހަކުވެސް ހެޔޮ އަމަލުކުރުމަކަށް އަލްވަދާއެއް ނުކިޔާނެ ކަމަށާއި އެހެންކަމުން ޔަގީންވެގެންވާ މަރު ބައްދަލުކޮށްފުމަށް ދާންދެން އޮތީ ހެޔޮ އަމަލު ކުރުންމަތީ ދެމިތިބުން ކަމަށެވެ.

"އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮ ކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ އަމަލުތައް ކުރުން މަތީ ދެމިތިބޭން ޖެހެއެވެ. ކުރެވުނު އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމުން، ސުވަރުގެ ޔަގީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އަޅުކަންކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫން ކަމަށާއި އެހެނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲ ކަމަށެވެ. އަދި މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

"މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާން މަހަކީ އެފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ ނިމިގެން މިދާ ރަމަޟާން މަހު ތިބާގެ އަމަލުތައް ހުރި ގޮތާ މެދު ވިސްނައިލަން ޖެހޭ ކަމަށާއި ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ގަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުންނަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ގުރުއާނުން ސަފުހާއެއް ނަމަވެސް ކިޔެވޭތޯ ބަލައި، ހެޔޮ އަމަލުކުރުމުގައި ހީވާގިވާން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.