ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެންބަރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސަން ނިންމައިފިއެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު އިންނަވަންޖެހެއެވެ. ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ފަނޑިޔާރު ޝަހީދު، ހަމަޖައްސަން އެ ކޯޓުން ނިންމީ އިއްޔެއެވެ.

ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީގައި މީގެ ކުރިން ހުންނެވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ޖޭއެސްސީން، ސުއޫދުއާ ގުޅޭ ގޮތުން ބަލަން ފެށި ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ކަމުން ސަސްޕެންޑްކޮށްފައި ވަނިކޮށް، ސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ސުއޫދު، އިސްތިއުފާ ދެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާފައިވަނީ ފަނޑިޔާރު ޝަހީދުއެވެ.