ށ. މިލަންދޫ އިސްލާމީ މަރުކަޒު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެމްޓީސީސީގެ ފަަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އިން މިއަދު "ވަން" އަށް ބުނީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 720 ދުވަހުން ނިންމާ ގޮތަށް ކަމަށެވެ. ނަމަވެސް މިލަންދޫ އިސްލާމީ މަރުކަޒު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އަގެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި މިލަންދޫ އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ހާއްސަ ޖާގަ އާއި އުނގެނުމަށް ހާއްސަ ޖާގައެއް ހިމެނިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ގާއިމުކޮށްފައި ހުރި ނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ހިފިފައިނުވާ ކަމަށެވެ. އެހެންކަމުން މަރުކަޒުތަކުން ދެވޭ ހިދުމަތްތައް ފުރިހަމަކުރުމަށް ކުރާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ގދ. ތިނަދޫ އާއި ރ. އުނގޫފާރުގައި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކޯސްތައް މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިއަހަރުގެ ތެރޭގައި މިހާތަނަށް ރާއްޖޭގައި ގާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީތައް ގާއިމުކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ކުތުބުހާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ ނަމަވެސް، އެ ލައިބްރަރީ ހުރީ ނެތިވެ ގޮސްފައި ކަމަށެވެ.

"ލައިބްރަރީ ނެތި 10 ވަރަކަށް އަހަރު ފާއިތުވީ. ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މެއި މަހު ސަލްމާން މިސްކިތު ސެންޓަރުގައި އަލުން ހުޅުވިގެންދާނެ. މިކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ދަނީ ނިމެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ އިތުރުން ށ. ފޯކައިދޫ އިސްލާމީ މަރުކަޒު ހެދުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން މިމަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. ދެ އަހަރާއި ފަސް މަސް ދުވަސްތެރޭ ނިންމާގޮތަށް 25 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާ އެވެ.

އިސްލާމީ މަރުކަޒުތަކުގެ އިތުރުން މިމަހު ގުރުއާނާ ބެހޭ މަރުކަޒުގެ ދެ ގޮތްޕާއި 12 ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ. އެ މަޝްރޫއުތަކުގެ ތެރެއިން 10 މަޝްރޫއެއް ހަވާލުކުރީ ފެނަކައާ އެވެ. އަދި އަނެއް ހަތަރު މަޝްރޫއުގެ ތެރެއިން ތިން މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރި އިރު، އެއް މަޝްރޫއު ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެ.