މާތްﷲ، އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރެއަކީ ލައިލަތުލްގަދުރި ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މިހާރު މިތިބީ ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ކަމަށާއި ވީމާ ހެޔޮ އަމަލުތައް ގަބޫލުކުރައްވާތޯ މާތްﷲގެ ހަޒްރަތުގައި ދުއާ ދަންނަވަންޖެހޭ ކަމަށެވެ. އެ ދުވަސްތަކާއި ރޭތައް އިހުޔާކުރުމަކީ އެކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

"ފަހު ދިހައިގައި ލައްވައިފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްގަދުރި އެވެ. އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައިވެއެވެ. މި މަތިވެރި ރެއަކީ މާތްﷲ އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު އުމުރު ދެއްވި ކަމަށާއި މި އުންމަތުގެ މީހުންގެ އުމުރު ކުރުކަމުގައި ވިޔަސް، މި ކުރު އުމުރުގައި ކުރާ ހެޔޮ އަމަލުގެ ދަރުމަ އިތުރުކޮށްދެއްވައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަމަޟާން މަހު ލައިލަތުލްގަދުރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮ ކަން އިތުރުކުރައްވައިފައިވުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގައި އިއުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި އިއުތިކާފަށް އިންނަމީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތްﷲ އަށް އަޅުކަންކުރުމާއި ކީރިތި ގުރުއާން ކިޔެވުމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކުރާންވާނެ ކަމަށް ހުތުބާގައި ބުންޏެވެ.

"އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި، މިސްކިތުގެ ހުރުމަތަށް އިސްކަންދޭންވާނެއެވެ. މިސްކިތުގެ ހުރުމަތް ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަނެވެ. އެއީ މާތްﷲ ގެ ގެކޮޅުތަކެވެ. ވީމާ އެކަން އަބަދުވެސް ހަނދާންކުރާންވާނެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާކުރަން އަމުރުކުރައްވައިފައިވާ އަޅުކަމެއްވާ ކަމަށާއި އެއީ ފިތުރު ޒަކާތް ދެއްކުން ކަމަށެވެ. އަދި ފިތުރު ޒަކާތަކީ ރޯދަމަހު ރޯދަތައް ހިފި އިރު، ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.