ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރަމުންދާ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް ޖޭއެސްސީއަށް ހާޒިރުވި ނަމަވެސް އެ ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ސުލޫކީ މައްސަލައާ ގުޅޭގޮތުން އެއްވެސް ސުވާލެއް ފަނޑިޔާރު މަހާޒްއާ ކޮށްފައިނުވާ ކަމަށް ފަނޑިޔާރު މަހާޒްގެ ދިފާއީ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ. މަގާމުން ސަސްޕެންޑްކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.
ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.
ފަނޑިޔާރު މަހާޒްއާ ދެކޮޅަށް ޖޭއެސްސީން އެންމެ ފުރަތަމަ ތަހުގީގުކުރީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އެ ތުހުމަތަށް ޖަވާބުދާރީވުމަށް ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރުކުރީ މިމަހުގެ ނުވަވަނަ ދުވަހުގައެވެ. އެ ދުވަހު ޖޭއެސްސީގެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒް ވަނީ އެ ތުހުމަތަށް އިންކާރުކޮށްފައެވެ.
ޖޭއެސްސީން ފަނޑިޔާރު މަހާޒް މިއަދު ހާޒިރުކުރީ އޭނާއާ ދެކޮޅަށް ތަހުގީގު ކުރަމުންދާ ދެވަނަ މައްސަލަ ކަމަށްވާ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައިގައެވެ.
ފަނޑިޔާރު މަހާޒްގެ ވަކީލު ފައިސަލް "ވަން" އަށް މިއަދު ވިދާޅުވީ ޖޭއެސްސީން މިއަދުގެ ފަނޑިޔާރު މަހާޒް ހާޒިރުކޮށް، ފަނޑިޔާރަށް ތުހުމަތުވާ މައްސަލައާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. ޖޭއެސްސީން ކުރި ސުވާލުތަކުގެ ތެރޭގައި ހިމެނެނީ ހައި ކޯޓުގެ މުވައްޒަފެއް ސުޕްރީމް ކޯޓަށް ގެނެވިދާނެތޯ އާއި ސުޕްރީމް ކޯޓުން ބަލާ މައްސަލައަކާ ގުޅިގެން ދަށު ކޯޓުން ލިޔުންތައް ގެންނަ އުސޫލަކީ ކޮބައިތޯ ކަމަށެވެ.
ފައިސަލް ވިދާޅުވީ އެ ސުވާލުތަކަކީ ފަނޑިޔާރު މަހާޒަށް ތުހުމަތުވާ މައްސަލައާ ގުޅުންހުރި ސުވާލުތަކެއް ނޫން ކަމަށެވެ. ނަމަވެސް ފަނޑިޔާރު މަހާޒް ވަނީ ގާނޫނުގެ މާއްދަތާކާ ހަވާލާދީ އެ ސުވާލުތަކަށް ޖަވާބު ދެއްވާފައި ކަމަށް ފައިސަލް ވިދާޅުވިއެވެ. އެއީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ބޭނުމުގައި ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ޖޭއެސްސީން ސުވާލެއް ނުކުރޭ ކޮން ހަޑިހުތުރު ބަހަކުންތޯ ފަނޑިޔާރު ސުއޫދު ސުވާލުކުރެއްވީ. އެ ހަޑިހުތުރު ބަހަކީ ކޮބައިތޯ ސުވާލެއް ނުކުރޭ. ފަނޑިޔާރު ހުސްނުއްސުއޫދު އެ ވާހަކަ ދެއްކިއިރު ފަނޑިޔާރު މަހާޒް ހާޒިރުވެ އިންތޯ ސުވާލެއް ނުކުރައްވާ، ހައިކޯޓު މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކުރިތޯ ވެސް ސުވާލެއް ނުކުރައްވާ ޖޭއެސްސީގެ މައްސަލަ ބަލާ ކޮމިޓީން. މުޅި ތުހުމަތާ ނުވެސް ގުޅޭ ސުވާލުތަކެއް ކުރީ." ފައިސަލް ވިދާޅުވިއެވެ.
ޖޭއެސްސީން ކުރެއްވި އެ ސުވާލުތަކުގެ ސަބަބުން އެ ކޮމިޝަނުން ފަނޑިޔާރު މަހާޒްއާ ތުހުމަތުކުރާ މައްސަލައެއް ސާފުނުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ފަނޑިޔާރު މަހާޒް ހިލާފުވެފައިވަނީ ސުލޫކީ ކޮންކަމަކާތޯ ސާފުވެފައިނުވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ޖޭއެސްސީން މިއަދު ވަނީ ފަނޑިޔާރު އަަޒްމިރަލްދާގެ ވެސް އެ މައްސަލައިގެ ތުހުމަތަށް ސުވާލުކުރުމަށް އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. ފަނޑިޔާރު އަޒްމިރަލްދާ ވެސް ވަނީ ޖޭއެސްސީން ކުރާ ތުހުމަތަށް އިންކާރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު