ދިރާގު ފުވައްމުލަކު ރަން 2025 ގައި ބައިވެރިވާ ދުވުންތެރިންނަށް އެ ދުވުމަށް ރަޖިސްޓަރީކުރުމުގެ މުއްދަތު ހަމަވާން ގާތްވެއްޖެއެވެ.
ދިރާގުން މިއަދު ބުނީ އެ ދުވުމަށް ރަޖިސްޓަރީވުމަށް ބާކީ އޮތީ ދެ ދުވަސް ކަމަށާއި އެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހަމަވާނެ ކަމަށެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު)ގެ މުޅިން އާ އެޑިޝަނެއް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ ދުވުމުގައި ހިމެނޭ 5 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ހާފް މެރެތަން ކެޓެގަރީތަކުގައި www.dfr.mv މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ވަނީ ހުޅުވައިލައިފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ކުރިއަށްގެންދާ އެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 2 ވާ ހުކުރު ދުވަހެވެ.
ދިރާގުން ބުނީ އެ ދުވުން ފުވައްމުލަކުގައި ބޭއްވުމުގެ މަގުސަދަކީ، ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ.
ޑީއެމްއާރުއާރުއާ އެއްފަދައިން، ދިރާގު ފުވައްމުލަކު ރަންގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެ ރޭހުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ޖުމުލަ 232،000 ރުފިޔާ ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފައެވެ.
ޑީއެމްއާރުއާރު އަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަރނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. އެ ދުވުން މާލޭގެ އިތުރުން ފުވައްމުލަކުގައި ބާއްވައި، ޑީއެމްއާރުއާރު ފުޅާކުރުމަކީ ދުޅަހެޔޮ، ހީވާގި މުޖުތަމައެއް ބިނާކުރުމަށް އަދި ރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ ސަމާލުކަން ހޯދައި، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދިރާގުން އިސްނަގައިގެން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ކަމެކެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު