ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް ހަދަން ވެގެން ހަވާލުކުރި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް ހަދަން އެޗްޑީސީގެ ފަރާތުން ސީލައިފްއާ ހަވާލުކުރީ 13 މާޗް 2014ގައެވެ. ނަމަވެސް ސީލައިފުން އެ އެއްބަސްވުމާ ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލައިގައި އެޗްޑީސީން ސީލައިފް އާއެކު ހަދާފައި އޮތް އެއްބަސްވުން 24 ޑިސެމްބަރު 2018 ގައި ބާތިލުކުރިއެވެ.

އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެކަން ކޮށްފައިވަނީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި އެޗްޑީސީގެ ފަރާތުން އެކަމުގެ ބަދަލު ހޯދުމަށް ސީލައިފްގެ ފަރާތުން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް މައްސަލަ ހުށަހެޅިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުންޏާއި ސީލައިފާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން އެ ކޯޕަރޭޝަނުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅައި، އެކަމާ ގުޅިގެން ސީލައިފަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނުން މިއަދު ކަނޑައަޅާފައިވާ ކަމަށެވެ.

"ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދުގައި މި ކޯޕަރޭޝަނުން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި މި ފުރުސަތުގައި ފާހަގަކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.