ބަދުރު ހަނގުރާމައިން ލިބުނު އެއް ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފަ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ރަމަޟާން މަހަކީ މާތްﷲ އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމަ އާއި ނަސްރުދެއްވުން ލައްވަވާފައިވާ މައްސަރެއް ކަމަށާއި އެގޮތުން އިސްލާމީ ތާރީހުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ، ބަދުރު ހަނގުރާމަ ކުރެވުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެއް ކަމަށާއި އޭގެ ތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުންކުރުން ކަމަށެވެ. އަދި ކީރިތި ރަސޫލާ، މި ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންސާރުންނާ މަޝްވަރާކުރެއްވިކަން ހުތުބާގައި ފާހަގަކުރިއެވެ.

"ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފައެވެ. މުހާޖިރުންނާއި އަންސާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ މިކަމުގެ ރިވެތި މިސާލެކެވެ. ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަމެވެ. ބަދުރު ހަނގުރާމައިގެ ދުވަހު މުހާޖިރުންނާއި އަންސާރުން ކީރިތި ރަސޫލާއަށް އެރުވި މަޝްވަރާއިން މިކަން ހާމަވެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ބަދުރު ހަނގުރާމައިން ލިބުނު ތިންވަނަ ފިލާވަޅަކީ އަސްހާބު ބޭކަލުންގެ ގުރުބާނީ ކަމަށާއި އެ ދުވަހު ބަދުރުގެ މައިދާނުގައި ކީރިތި ރަސޫލާ ހުއްޓިވަޑައިގެން ހުންނެވުމަށް ހާއްސަ ކުރެވިފައިވާ އަރީޝްކޮޅުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނެވި އިރު، އެކަލޭގެފާނުގެ ހަށިފާރައަށް އަބޫބަކުރުގެފާނާއި ސައުދުބުން މުއާޒްގެފާނު މަޑުކުރެއްވި ކަމަށެވެ.

"ބަދުރުގެ ދުވަހުގައި ޝަހީދުވެ ދިޔައީ ސާދަ ބޭކަލުންނެވެ. އޭގެ ތެރޭގައި ޒުވާން ސަހާބީން ހިމެނިވަޑައިގަތްކަމީ އަހަރެމެންގެ ޒުވާނުން އިބުރަތް ލިބިގަންނާން ޖެހޭ ކަމެކެވެ. އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމުކަމުގެ އިޝާރާތެކެވެ. ބަދުރުގެ ދުވަހުގައި އުމުރުން އެންމެ ސޯޅަ އަހަރުފުޅުގައި އުމައިރު ބުނު އަބީ ވައްގާސް ޝަހީދުވިއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތް ﷲއަށް ވަކީލުކުރުމާއި ދުއާކުރުމުގެ މުހިންމުކަން ކަމަށާއި ކަންކަމުގައި ﷲއަށް ވަކީލު ކުރުމަކީ ނަސްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއް ކަމަށެވެ.