ކޮޕް30 ކްލައިމެޓް ސަމިޓަށް އެމޭޒަން ޖަންގަލިން ގަސް ކަނޑައި ބޮޑު މަގެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ބްރެޒިލްގެ ބެލެމް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްލައިމެޓް ސަމިޓް ކޮޕް30 ބާއްވާ ސަރަހައްދަށް ދަތުރުކުރުމަށް ފަސޭހަ ކުރުމަށް ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި އެމޭޒަން ޖަންގަލި ހުރަސްކޮށް ބޮޑު މަގެއް ހެދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ބްރެޒިލްގެ ބެލެމް ސިޓީގެ ސަރުކާރުން ވަނީ ހަތަރު ލޭން ހިމެނޭ ބޮޑު މަގެއް ހެދުމަށް އެމޭޒަން ޖަންގަލިން ބޮޑު ސަރަހައްދަކުން ގަސް ކަނޑައި މަގުހަދަން ސަރަހައްދު ސާފުކުރަން ފަށައިފައެވެ.

ދުނިޔޭގައި ނެތިގެން ދާކަމަށް ރެކޯޑު ކުރެވިފައިވާ ބައެއް ގަސްތަކާއި ޖަނަވާރުތަކުގެ އިތުރުން އެތަށް ހާސް އޭކަރަކަށް ދެމިގެން އޮންނަ ދުނިޔޭގެ އެންމެ ބޮޑު ޖަންގަލިން ގަސް ކަނޑައި މަގުހެދުމާ ދެކޮޅަށް ތިމާވެށި ހިމާޔަތް ކުރުމާ ބެހޭ ޖަމިއްޔާތަކުން ވަނީ ނުރުން ފާޅުކުރަން ފަށައިފައެވެ. އަދި މީގެ އިތުރުން އެސަރަހައްދުގައި ދިރިއުޅޭ އާންމުން ވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލަން ފަށައިފައެވެ.

އެމޭޒަން ޖަންގަލީގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދުން އެމަގު ހަދާތީ ސައިންސުވެރިން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެޖަންގަލީގެ ގުދުރަތީ ނިޒާމަށް އެކަމުގެ ސީދާ އަސަރު ކުރާނެ ކަމަށް ސައިންސުވެރިން ބުނެފައިވެއެވެ.