ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމްގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ މައްސަލައެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފުލުހުންގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިމްތިހާޒުތަކާއި ސުލޫކު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އެ ބޭފުޅުން އެެ ކޮމިޓީއަށް ހާޒިރުކުރަން ނިންމީ މެންބަރު މުހައްމަދު އިބްރާހިމް އެކްސިޑެންޓްތަކާބެހޭ ތަފާސްހިސާބާއި އެކަމާބެހޭ މައުލޫމާތު ހޯއްދެވުމަށް ފުލުހުންނަށް ފޮނުއްވެވި ސިޓީގެ ޖަވާބު ލިބުމަށް ތިން މަސް ދުވަހުގެ ދިގު މުއްދަތެއް ނަގާފައިވާތީ، އެ މެންބަރުންގެ އިމްތިހާޒަށް އެ ފަރާތުން އަރާގެންފައިވާ ކަމަށް ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައާމެދު ކޮމިޓީގައި ބަހުސް ކުރެއްވުމަށްފަހު، ޖަވާބުދާރީވުމަށް އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގެވެ.
އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވަމުން އަޒާން ވިދާޅުވީ ޒިންމާދާރު މުއައްސަސާއަކުން މަޖިލިސް މެންބަރަކަށް ޖަވާބު ދޭން އެހާ ދުވަސް ނަގާއިރު އާންމު ރައްޔިތަކު ލާ ސިޓީއަކަށް ޖަވާބު ހޯދުމަށް ދިމާވާނެ ދަތިތައް އިހުސާސް ކުރެވޭ ކަމަށެވެ. އަދި އެއީ މެންބަރެއްގެ އިމްތިޔާޒަށް އަރައިގަތުން ކަމަށާއި އެކަމަށް ޒިންމާދާރު ކުރުވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އަޒާންގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ކެންދޫ ދާިއރާގެ މެންބަރު މައުރޫފް ޒާކިރެވެ. ކޮމިޓީގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު