މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިހެން ބުނީ އެމްއައިޓީޑީސީ އާބެހޭ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ، އެ ކުންފުނި އުވާލަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހަށް، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި (އެމްއެފްއެމްސީ) ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެއްކޮށްލުމާގުޅޭ ގޮތުން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހު ވަޒީރުންގެ މަޖިލީހުން ކަމަށެވެ. އެއީ ސީދާ އެ މިނިސްޓްރީން ހުށަހަޅައިގެން ނިންމި ނިންމުމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެ ސިޓީގައި ފިނޭންސް މިނިސްޓްރީ އިތުރަށް ބުނެފައިވަނީ އެމްއައިޓީޑީސީއަކީ އުފެދުނު ދުވަހުން ފެށިގެންވެސް އެކަށީގެންވާ ގޮތަށް ހިނގަމުންދާ ކުންފުންޏެއް ނޫން ކަމަށެވެ.

"އެހެންކަމުން ކުންފުނި ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަންޖެހޭ ކުންފުންޏަަކަށްވުމުން އެ ކުންފުނި އުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމަށް މުހިންމު ނިންމުމެއް،" ފިނޭންސް މިނިސްޓްރީގެ ސިޓީގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ އެމްއައިޓީޑީސީ އުވާލަން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް އެ ކުންފުނިން ދޭންޖެހޭ އެއްބާރުލުން ދިނުމަށާއި ކުންފުނި އުވާލުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ކުންފުންޏަށް އިރުޝާދު ދީފައިވާ ކަމަށެވެ. އެގޮތުން މިހާރު އެ ކުންފިން ކުރިއަށް ގެންދަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްގެ ދަށުން ތަރައްގީކުރަން ހަވާލުކޮށްފައިވާ ބަރެސްދޫއާ ގުޅޭ ގާނޫނީ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ކުންފުނި އުވާލާއިރު އެތަނުގެ މުވައްޒަފުންނަށް ލިބިގެންދާނެ ގެއްލުންތަކަށް ހައްލު ހޯދަން މަސައްކަތްކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.