ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް، ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރަން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޒާއެވެ.

ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި ތިންވަން އިސްލާހުގެ ގޮތުގައި ހުށަހެޅި މި ބިލްގެ ހަތަރު ވަނަ މާއްދާގެ ފަހަތަށް އިތުރުކުރި އަކުރުތަކުގެ ގޮތުގައި ހިމަނާފައިވާ އިސްލާހުގައި ވަނީ، މީހުން ދިރިއުޅޭ ރަށްރަށް، ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ދޭ އިތުރު ބާރެއްގެ ގޮތުގައި، ވަކި އުސޫލެއްގެ ދަށުން ނޫން ގޮތަކަށް ވެސް ފަތުރުވެރިކަން ތަރައްގީ ކުރުމަށް ތަންތަން ކުއްޔަށް ދޫކުރެވޭ ގޮތަށްވެސް ބިލްގައި ވަނީ ހިމަނައިފައެވެ.

ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު ބުނަނީ، ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ވިޔަސް ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.

ބިލްގައި ވަނީ މި މާއްދާގައި އޮތް "އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން" އިބާރާތުގެ ފަހަތަށް، "އެނޫން ސިޔާސަތެއްގެ ދަށުން" ސަރުކާރުން ކަނޑައަޅާ މަޝްރޫއަކާ ގުޅިގެން ޓޫރިޒަމް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވޭނެ ކަމަށް ކަނޑައަޅައިފައެވެ.

މި ބަދަލާ ގުޅިގެން ކޮން ބާވަތެއްގެ މަޝްރޫއެއްކަން ކަނޑައެޅުމެއްނެތި، ރައީސް ބޭނުންވާ ރަށްތަކާއި ފަޅުތަކާއި ބިންތައް ދޫކުރުމުގެ ބާރު ލިބިގެންދާނެއެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުން ކަނޑައަޅާ ކޮންމެ ޕްރޮޖެކްޓަކާ ގުޅިގެން ދޫކުރެވޭ ގޮތަށް ބަދަލުކުރުމުގެ އިތުރުން، ރިޒޯޓްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރަން ފައިސާ ދެއްކުމަށް ލުއިދިނުމުގެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކުރަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.