ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފިއެވެ.

ރޮޑްރިގޯ ޑުޓާޓޭ ހައްޔަރުކޮށްފައިވަނީ ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާތީ ކަމަށް އޮފިޝަލުން ބުނެއެވެ. ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ޑުޓާޓޭ އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގަވާފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑުޓާޓޭ އިއްޔެ ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު އައިސީސީން ކުރަނީ ވެރިކަމުގައި ހުންނެވިއިރު ކުރިޔަށް ގެންދެވި އެންޓި ޑްރަގް އޮޕަރޭޝަންތަކުގައި 6،000 އަށްވުރެ ގިނަ މީހުން މަރާފައިވާ ކަމުގެ ތުހުމަތެވެ.

ފިލިޕީންސްގެ ސަރުކާރުން ޑުޓާޓޭ ހައްޔަރުކުރީ ހޮންކޮންގުން ފިލިޕީންސަށް ވަޑައިގަތުމާއެކު މެނީލާގައި އޮންނަ މައި އެއާޕޯޓުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޑުޓާޓޭ ވަނީ އޭނާގެ މައްޗަށް ކުރަމުން އަންނަ ތުހުމަތުތަކަށް ކުރީންވެސް އިންކާރު ކުރައްވައިފައެވެ. އެގޮތުން ވެރިކަމުގައި ހުންނެވިއިރު ޑްރަގް އޮޕަރޭޝަންތަކުގައި ފުލުހުންނަށް އަމުރުކޮށްފައި ވާނީ އަމުރަށް ނުކިޔަމަންތެރިވާ މީހުން ހުއްޓުވުމަށް ބަޑިޖެހުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފިލިޕީންސްގެ ރައީސްކަމުގެ ދައުރު ޑުޓާޓޭ ފުރިހަމަކުރައްވައިފައިވަނީ 2016 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދުއެވެ.