މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި 34،500 ސިނގިރޭޓް ކާޓޫން ގެއްލުނު މައްސަލަ ކަސްޓަމްސްއިން ތަހުގީގުކޮށް، ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީންވެސް ބަލަމުންދާ މައްސަލައެކެވެ.
ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ އަހުމަދު ނާޒިމް ވިދާޅުވީ، އެ މައްސަލަ ކޮމިޓީން ބަލަމުންދާ އިރު، މައްސަލައިގެ ތަހުގީގު ނިންމައި އެކަމުގައި ހިމެނޭ ފަރާތްތަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ކޮމިޓީން ބަލައި އެކަމާބެހޭ ރިޕޯޓެއް އެކުލަވާލައްވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ސިކިރޭޓް ކާޓޫނުތައް ގެއްލުނު މައްސަލަ ކޮމިޓީން ބަލަމުން ދަނިކޮށް، އެ ތަކެތި ބޮންޑެޑް ހައުސްއިން ގެއްލުމުގެ ކުރިން އެ ތަކެތި ރާއްޖެ އެތެރެކުރި ކުންފުނީގެ ހިއްސާދާރުން ބަދަލުކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަވެސް ކޮމިޓީން ގެންދަނީ ބަލަމުންނެވެ.
ނާޒިމް މިއަދު ވިދާޅުވީ، އެކަމުގައި ކަސްޓަމްސްގެ ވަރަށްބޮޑު މައްސަލައެއް ފާހަގަވާ ކަމަށެވެ.
"އެ މައްސަލައަކީ ކަސްޓަމްސްގެ ފޯލްޓް ވަރަށް ބޮޑަށް އޮތް މައްސަލައެއް، އަޅުގަނޑުމެންނަށް ކަސްޓަމްސް އިން ފޮނުވި ޓައިމްލައިންގެ އިންޓަގްރިޓީއާ މެދުވެސް އަޅުގަނޑުމެންވާނީ ސުވާލު އުފައްދައިފައި. ސަބަބަކީ ވަރަށް ކީ ތާރީހެއް އޭގެން މަދުވާކަން ބެލިބެލުމުން އެނގޭ. އެއީ އެކުންފުނީގެ ހިއްްސާދާރުން ވަނީ ބަދަލު ކޮށްލައިފައި، އެ އަސްލު ސުމަގްލް ކުރި ކުންފުނިން ވަނީ އެ ހިއްސާދާރުން ބަދަލު ކޮށްލައިފައި. އަނެހެން ދަންނަވަންޏާ އެއްވެސް ޒިންމާއެއް ނެތް، ނޭނގެ ކުށްވެރިން ނޫން ކަމެއްވެސް ޕާޓޭން ނޫން ކަމެއްވެސް. ހިއްސާ ބަސަލުކޮށްލައިފި. ނަމަވެސް ހިއްސާ ބަދަލުކޮށްލައިފައި އޮތީ. ބޮންޑެޑްވެއާހައުސްގެ އިންވެންޓްރީ ނަގައިފައި. އެމީހުން އަމިއްލަައަށް ބުނެގެން އިންވެންޓްރީއާ ހަވާލުވެފައި އެބައޮތް، މިއީ މޮޔަޔަކު ނޫނީ ނުކުރާނެ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެއީ އެ ކުންފުނީގެ އަސްލު ހިއްސާދާރުން ހިމާޔަތްކޮށްދޭން ޕްލޭންކޮށްގެން ކަސްޓަމްސްއިން ކޮށްފައިވާ ކަމެއް ކަމަށެވެ.
"މަގުމަތިން އެމީހުން ހޯދި ދެ މީހުންނަށް ހިއްސާތައް ބަދަލު ކޮށްލައިފައި. އެ ދެ މީހުން މި އެދެނީ، މިތަނުގެ އިންވެންޓްރީ ނަގައިދޭށޭ، އެ ތާރީހު ކަސްޓަމްސްއިން ފޮނުވި ޓައިމްލައިންއަކު ނެތް،" ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން އެވަރު މުހިއްމު ކަމެއްގެ ޓައިމްލައިން ނޯންނާނެ ކަމަށް ގަބޫލު ނުކުރެވޭ ވާހަކަ ކަސްޓަމްސްއަށް އަންގާފައިވާ ކަަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"އެހެންވީމަ މި އެތެރެކުރި މީހުން ދެއްތޯ ހުރިހާ މަންފާއެއް ލިބޭނީ. އެ ހުރިހާ ސިނގިރޭޓެއް ވިއްކާ ނިމިއްޖެ އެކަމަކު ބިލެއް މި ލިބުނީ އެކަމަށް ނުވެސްބެހޭ އާދައިގެ ދެމީހަކަށް. 47 މިލިޔަން ރުފިޔާގެ ބިލެއް މިލިބުނީ އެ މީހުންނަށް އެ ދެއްކޭނެ ގޮތެއްވެސް ނެތް،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ފޭކު ދެ މީހުން ލައިގެން ކުންފުނީގެ ހިއްސާ ބަދަލުކޮށްފައި ހުރިހާ ސިނގިރޭޓެއް ވިކާފައި، ކުންފުނީގެ ކުރީގެ ހިއްސާދާރުންނަށް ހުރިހާ ފައިސާ ލިބުނު އިރު، ބިލް ލިބުނީ ފޭކު ދެ ހިއްސާދާރުންނަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު