ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އެ ކޯޓުގެ އެހެން ފަނޑިޔާރެއް ކަމަށްވާ އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފުގެ، ބަންދުން ދޫކޮށްލުމަށް އަންގައި ކުރިމިނަލް ކޯޓުގެ ގާޒީންތަކަކަށް ނުފޫޒު ފޯރުވި ކަމަށް އޭނާގެ މައްޗަށް ކުރާ ތުހުމަތަށް އިންކާރު ކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، މިދިޔަ މަހުގެ 26 ވަނަ ދުވަހު ސަސްޕެންޑުކޮށްފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ ދެ މައްސަލައެއް ބަލަމުންދާ އިރު، އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.

އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ މިއަދު ވަނީ ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ.

ފަނޑިޔާރު މަހާޒްގެ ވަކީލު މުހައްމަދު ފައިސަލް "ވަން" އަށް މިރޭ ވިދާޅުވީ ޖޭއެސްސީން ކުރާ ތުހުމަތުތަކަށް ފަނޑިޔާރު މަހާޒް އިންކާރުކުރައްވާފައިވާ ކަމަށެވެ.

ފުލުހުން، ލަތީފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރީ 2024 ޑިސެމްބަރު 05 ވަނަ ދުވަހުގެ ހެނދުނު 10:30 އެހާކަންހާއިރެވެ. ލަތީފު، ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރީ 10:55 ގައެވެ. ޖޭއެސްސީން ތުހުމަތުކުރާ ގޮތުގައި ފަނޑިޔާރު މަހާޒް ވަނީ ކުރިމިނަލް ކޯޓުގެ ދެ ގާޒީއެއް ކަމަށްވާ އިބްރާހިމް ޒިހުނީ އަދި ސަފްއަތު ހަބީބަށް ގުޅައި، ލަތީފު ދޫކުރުމަށް އަންގައި ބަންދު އަމުރަށް ނުފޫޒު ފޯރުވައިފައެވެ.

ނަމަވެސް ފައިސަލް ވިދާޅުވީ، ލަތީފު ހައްޔަރުކުރިކަން ފަނޑިޔާރު މަހާޒަށް އެނގިވަޑައިގަތީ، ބަންދުން ދޫކޮށްލިފަހުން ކަމަށެވެ.

"ފަނޑިޔާރަށް ނުވެސް އެނގިވަޑައިގަންނަވާ ހައްޔަރުކުރި ކަމެއް ވެސް، ބަންދުން ދޫކޮށްލިފަހުން އެކަމެއް ފަނޑިޔާރަށް އެކަމެއް އެނގިވަޑައިގަތީ ވެސް އެއްވެސް މީހަކަށް ގުޅައި އެއްވެސް ވާހަކައެއް ނުދައްކާކަން ފަނޑިޔާރު ވަނީ ވިދާޅުވެފަ ތުހުމަތަށް ޖަވާބުދާރީވެވަޑައިގަންނަވަމުން،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ކުރިމިނަލް ކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓާ ހިސާބަށް އައިސްފާނެތީ ފަނޑިޔާރު މަހާޒް، އެ ދުވަސްވަރު އުޅުއްވީ ފަނޑިޔާރު އަޒްމިރަލްދާ ވަރަށް ދުރުން ކަމަށެވެ.

"ފަނޑިޔާރު ބޭނުންފުޅުވީ އެކަމާ ދުރުގައި ހުންވަނަން އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އާއިލާ ބޭފުޅެއްގެ މައްސަލައަކަށްވުމުން،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޖޭއެސްސީން މައްސަލަ ބަލާގޮތުން އިޖުރާއަތު އޮންނަ ގޮތުން އަދި ދެ ފަހަރެއްގެ މަތިން ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް ހާޒިރުވާން ޖެހިވަޑައިގެންފައިވާނެ ކަމަށެވެ. ޖޭއެސްސީން މިއަދު ފަނޑިޔާރު މަހާޒްގެ ބަޔާން ލިޔުމަށްފަހު އޭގައި ސޮއިކުރަން ހާޒިރުވާން އަންގާނެ ކަމަށާއި އެއަށްފަހު އެ ބަޔާން ޖޭއެސްސީން މި މައްސަލަ ބަލާ ކޮމިޓީއަށް ފޮނުވައި އިތުރު ގޮތެއް ނިންމާނެ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން ވަނީ ގާޒީ އިބްރާހިމް ޒިހުނީ އަދި ގާޒީ ސަފްއަތުގެ ބަޔާން މިދިޔަ ހަފުތާ ތެރޭގައި ނަގައިފައެވެ. އެ ދެ ގާޒީން ވަނީ އޭސީސީއަށް ވެސް ހާޒިރުކޮށް މައްސަލައާ ގުޅިގެން ބަޔާން ނަގައިފައެވެ.