އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސޯޝަލް މީޑިއާ މިއަދު ހިންގާނީ ހަމައެކަނި އަންހެނުން ހިމެނޭ ޓީމަކުން ކަމަށް ނިންމައިފިއެވެ. ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، މި ނިންމުމަކީ މިއަދު ފާހަގަކުރަމުން އަންނަ، ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ނިންމެވި ނިންމެވުމެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ވަނީ ގުޖުރާތުގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެކަން އިއުލާންކުރައްވައިފައެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އަންހެނުންގެ ދުވަހުގެ ޕްރޮގްރާމްތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނޭ ކަމަށާއި އަދި މިއަދުގެ ހަރަކާތްތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް އެކަމުގައި ހަރަކާތްތެރިވާނީ ވެސް ހަމައެކަނި އަންހެނުން ހިމެނޭ ޓީމަކުން ކަމަށް ވިދާޅުވެފައެވެ.

މިއަދު އަންހެނުންގެ ދުވަސް ފާހަގަކުރާއިރު އިންޑިއާގެ އެކި ސަރަހައްދުތަކުގައި ގިނަ ޕްރޮގްރާމްތަކެއް ރޭވިފައިވެއެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ނަވަސާރީގެ ވަންސީ ބޯސީ ވިލެޖުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.