ރޯދައިގެ ހިކުމަތަކީ މާތްﷲ އަށް ބިރުވެތިވެ ތަގުވާވެރިވުން ކަމަށާއި ރޯދައަކީ ތަރުބަވީ ފިލާވަޅެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ ރޯދައިގެ ސަބަބުން ނުބައި ކަންތައްތަކަށް އަރައިގަތުމާ ދުރުހެލިކޮށްދޭ ކަމަށާއި ދުލުން ހަޑިހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓޭ ކަމަށެވެ. އަދި ފަގީރުންނާއި ނިކަމެތީންގެ ހާލަތު އިހުސާސްވެ، އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބޭ ކަމަށް ހުތުބާގައި ބުންޏެވެ.

"ރޯދައިގެ ހިކުމަތަކީ، މާތް ﷲއަށް ބިރުވެތިވެ، ތަގުވާވެރިވުމެވެ. ކުރާން އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފުސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫހާނީ ބާރު ގަދަވެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭ ކަމަށާއި ރޯދައަށް ހުންނަ އިރު، ކެއިންބުއިމާއި އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު ހިފަހައްޓާ ކަމަށެވެ. އަދި މާތްﷲ ހުއްދަކުރައްވައިފައިވާ ބައެއް ނިއުމަތްތަކާ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިއުމަތްތަކުގެ އަގު ވަޒަންކުރާން ދަސްވާ ކަމަށް ހުތުބާގައި ބުންޏެވެ.

"ވަރަށް ގިނަ ފަހަރަށް ނިއުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިއުމަތެއް ބީވެ ދިއުމުންނެވެ. ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިއުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިއުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގު ފަހިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަގީރުންގެ ހާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނެއެވެ..،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ސިއްރާއި ފާޅުގައި، ތިމާ ކުރާ އަމަލުތައް މާތްﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޒީބުކުރުން ކަމަށާއި ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއް ކަމަށެވެ.