ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި އެންވައިރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ބުނީ ބާލިންގައި ބޭއްވި އެ ބައްދަލުވުމުގައި ރާއްޖޭގައި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމާއި ދުނިޔޭގެ ފަތުރުވެރިކަމުގެ ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެ ސަމިޓުގައި މިނިސްޓަރު ތޯރިގް ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އަމާންކަން ގާއިމުކުރުމާއި އަދި ގްލޯބަލް ޓޫރިޒަމް ރެސިލިއަންސް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭއްވި މުހިންމު ބައްދަލުވުމެއް ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި އައިޓީބީ ބާލިން 2025 ގައި ދުބައި ނެޝަނަލް އެއާ ޓްރެވަލް އޭޖެންސީ (ޑީއެންއޭޓީއޭ)އާ ބައްދަލުކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ޕާޓްނާޝިޕްތައް ހަރުދަނާކޮށް ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަށް މަޝްވަރާތައް ކުރިޔަށްގެންދިޔަ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު