ބައެއް ބްރޯޑްކާސްޓަރުން ފަތުރަމުންދާ މައުލޫމާތުތަކާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނާޅާ މައްސަލައިގައި މޯލްޑިވްސް ބްރޯޑްކާސްްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ބޭފުޅުން ހާޒިރުކޮށްގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މި ބައްދަލުވުން ފެށުމުގެ ކުރިން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ މެންބަރު ފެލިދޫ ދާއިރާގެ އާދަމް ޒާހިރު ވަނީ ބްރޯޑްކޮމްއާ ގުޅިގެން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށާއި އަދި އެ މައްސަލައިގައި ބައެއްގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޓީ ބައްދަލުވުން ސިއްރުކުރަން އޭނާ ހުށަހެޅުއްވިއެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމެވެ. އެހެންވެ މެންބަރު ހުށަހެޅި ގޮތަށް ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ފާސްކުރިއެވެ.