މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ނަޖިސް ބޭރުވެގެން ހަތަރު ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގޭގެއަށް ފެންވަންނަމުން ދާތީ، އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން،" އެންޑީއެމްއޭއިން ބުންޏެވެ.

އެ އިދާރާއިން ބުނީ އަތޮޅު ތެރެއިން ކ. ހިންމަފުށްޓާއި ހުރާ އަދި ގުރައިދޫއަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ އަތޮޅު ތުލުސްދޫގައި ފެންބޮޑުވެ ބައެއް ގެތަކުން ނަޖިސް ލީކުވެފައިވާ ކަމަށެވެ.

އިއްޔެއިން ފެށިގެން މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތެއްގައި ފެންބޮޑުވެ، ގޭގެއަށް ވަނީ ފެން ވަދެ ގެއްލުތައް ވެފައެވެ. އެންޑީއެމްއޭ އާއި ކައުންސިލްތައް ގުޅިގެން އަންނަނީ ގެއްލުން ލިބިފައިވާ ގެތަށް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ ކ. ދިއްފުއްޓަށް އިއްޔެ ބޯކޮށް ވާރޭވެހި، 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވުނު ރަށަކީ އެރަށް ކަމަށެވެ.

މެޓް އޮފީހުން މިއަދު އާންމުކުރި ހިސާބުތަކުގައިވާ ގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ދިއްފުއްޓަށް ވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެން އެންމެ ގިނައިން އިއްޔެ ވާރޭ ވެހުނީ ހުޅުމާލެ އަށެވެ. އެގޮތުން ހުޅުމާލެއަށް 185.2 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ހއ. އިން ޅ އަތޮޅަށް ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ.