ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
އިއްޔެ އިރުއޮއްސުނު އިރުން ފެށިގެން މާލެއަށް ދަނީ ހުއްޓުމެއް ނެތި ވާރޭ ވެހެމުންނެވެ. އެކަމާ ގުޅިގެން މާލޭގެ ބޮޑެތި މަގުތަކެއް ހިމެނޭ ގޮތަށް ގިނަ މަގުތަކެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީލާ ވަލީދު ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ މާޗް މަހުގެ ދެވަނަ ދުވަސް (މިއަދު) އަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
މާލޭގައި ފެންބޮޑުވުމާ ގުޅިގެން ސިފައިން އަންނަނީ ފެން ހިންދުމުގެ މަސައްކަތްކޮށް، ބައެއް ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްކުރަމުންނެވެ.
އެމްއެންޑީއެފުން ރޭ ބުނީ ފެން ހިންދުމަށް މާލޭގެ ފަސް ސަރަހައްދެއްގައި 13 ޕަމްޕު ބަހައްޓައިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ރޭ 9:45 އިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް ނެރެފައެވެ. އެންމެ ފަހުން އޮރެންޖު އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް، ދަންވަރު 3:00 އިން ފެށިގެން ހެނދުނު 7:00 އަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެއެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު