މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އެމްބީއޭ ޗެމްޕިއަންޝިޕް ފައިނަލުގައި ކިންގްސް ބާސްކެޓްބޯލް ކްލަބު ބަލިކޮށް، ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ތަށި އުފުލާލައިފިއެވެ.

އެންމެފަހުގެ ޗެމްޕިއަން ކިންގްސް ކައިރިން ޓީރެކްސް ރޭ މޮޅުވީ 62-54 އިންނެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ކުއާޓާގައިވެސް ޓީރެކްސްއިން ލީޑުކޮށްގެން ކުޅެފައިވާ އިރު، ފުރަތަމަ ކުއާޓާ ނިމުނީ 16-11 އިން ޓީރެކްސް ލީޑުގައި އޮވެގެންނެވެ.

ދެވަނަ ކުއާޓާ ނިންމާލި އިރު، ޓީރެކްސް އޮތީ 33 ޕޮއިންޓް ހޯދައިފައެވެ. އަނެއްކޮޅުން ކިންގްސްއިން ދެވަނަ ކުއާޓާ ނިންމާލީ 25 ޕޮއިންޓާއެކުގައެވެ. އޭގެފަހުން ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ހަމަހަމަ ކުޅުމެއް އަނެއް ދެ ކުއާޓާގައި ފެނިގެން ގޮސްފައިވާ އިރު، ތިންވަނަ ކުއާޓާގައި ދެ ޓީމުންވެސް ވަނީ 11 ޕޮއިންޓް ހޯދައިފައެވެ.

ހަތަރުވަނަ ކުއާޓާގައި 18 ޕޮއިންޓް ދެ ޓީމަށް ލިބިފައިވާ އިރު، ޓީރެކްސް މެޗު ކާމިޔާބުކުރީ ހަތް ޕޮއިންޓުގެ ފަރަގަކުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ޓީރެކްސްގެ އިސްމާއިލް ވިލްދާން ޔޫސުފެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ޝީލްޑް މިފަހަރު ކާމިޔާބުކުރީ ޔުނައިޓެޑް ނެޓްވޯކް އޮފް ފްރެންޑްސް (ޔޫއެން ފްރެންޑްސް)އެވެ. އެއީ އިއްޔެ ކުޅުނު ފައިނަލުގައި ސްޓިންގާސް ބާސްކެޓްބޯލް ކައިރިން 99-92 ޕޮއިންޓުން މޮޅުވެގެންނެވެ.