"ގެދޮރުވެރިޔާ" ފުލެޓު ސްކީމްގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4،000 ފުލެޓްގެ ލިސްޓަށް މިއަދު ފެށިގެން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓު އަލުން ރިވިއުކުރުމަށްފަހު މި ސަރުކާރުން އާއްމުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރިއިރު، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށެވެ. އެއީ، ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ އިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާއެކު ލިސްޓުން އުނިކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓު ނުލިބުނު މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

"15 ނޮވެމްބަރު 2023 ގައި އިއުލާން ކުރި ލިސްޓްގައި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތެއްގެ ފްލެޓެއް އެހެން ފަރާތަކަށް ދިނުމަށް އަޅުގަނޑުމެން އަދި ކަނޑައެއް ނާޅަން. އެކަން ކުރާނީ ޝަކުވާ ހުށަހަޅަން ދީފައިވާ ފުރުސަތުގައި އަޅުގަނޑުމެންގެ ނިންމުމަށް ޗެލެންޖް ކުރުމަށް ފުރުސަތު ދިނުމަށްފަހު." މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހައުސިން މިނިސްޓްރީން ވަނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެ ފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ "ގެދޮވެރިން ޕޯޓަލް" މެދުވެރިކޮށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލްއަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ޝަކުވާ ހުށަހެޅޭނެއެވެ.