މިހާރު ކުރަމުންދާ ވިއްސާރައިގައި ޚިދުމަތަށް ބައެއް ކަހަލަ ދަތިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް، ނުގެންދެވި ހުންނަ ކުނިކޮޅު މަގުމައްޗަށް ނުވަތަ އާންމު ތަންތަނަށް ނެރުމަކީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކޮށް، އެގޮތަށް އަމަލު ނުކުރުމަށް ވެމްކޯއިން އިލްތިމާސް ކޮށްފި އެވެ.

ވެމްކޯއިން ނެރުނު އިއުލާނެއްގައި ބުނީ މި ހަފުތާއަކީ މޫސުންގޯސް، ވިއްސާރަ ހަފުތާއެއްކަމުގައި ވީނަމަވެސް އެ ކުންފުނީގެ މުވައްޒަފުން އަންނަނީ ރައްޔިތުންނަށް މެދުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އަވަދިވެތި މަސައްކަތް ކުރަމުން ކަމަށެވެ.

"ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ، މުޖުތަމައުގެ އާންމު ސިއްހީ ރައްކާތެރިކަމަށް ޓަކައި، އުކާލާކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް އެދެން." ވެމްކޯއިން ބުންޏެވެ.

އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކުން ކުނި ނުނެގި ހުރި ގެއެއް ފާހަގަކުރެވިއްޖެ ނަމަ ނުވަތަ ހިދުމަތް ނުލިބޭ ނަމަ ހޮޓްލައިލް ނަމްބަރު 1666 އަށް ގުޅުމަށް ވެސް ވެމްކޯއިން ވަނީ އެދިފައެވެ.