ރޯދަވެރިޔާ ދުރުހެލިވާން ޖެހޭ ކަންތައްތަކުން ދުރުހެލި ނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ރޯދަވެރިޔާ އަމަލުތައް ބަހައްޓާންވީ ގޮތް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ރޯދައިގެ މައިގަނޑު މަގުސަދަކީ ތަގުވާވެރިވުން ކަމަށާއި ތަގުވާގެ މާނައިގައި، ހެޔޮއަމަލުކުރުމާއި އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނޭ ކަމަށެވެ. ރޯދައަކީ ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ކަމަށާއި ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ، ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމީ، ދުނިޔަވީ އެދުންތަކާ ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެން ކަމަށާއި އެގޮތުން ނުބައި ބަސްތައް ބުނުމާއި އެ ފަދަ އަމަލުތައް ކުރުމާއި އަރައިރުންވުމާއި ޒުވާބުކުރުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ. ރޯދަމަހަކީ މުސްލިމުންގެ ހުރިހާ އަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓާން ޖެހޭ މަސް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ، ރޯދަ މަހު ރަހިމުގެ ގުޅުން ދެމެހެއްޓުމާއި ނިކަމެތީންނަށް އެހީވުމާއި ނަމާދުކުރުމާއި ގުރުއާން ކިޔެވުމާއި ދަމުނަމާދުކުރުމާއި އިއުތިކާފުކުރުން ފަދަ އަޅުކަންތައް ކުރުމުގައި ދެމިތިބޜޭން ޖެހޭ ކަމަށެވެ. ގޭތެރޭގައި ކުރާން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކީން ބޮޑަށް ދަރުމަހުރި ކަމެއް ކަމަށާއި ވިޔަފާރިވެރީން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓުރޯލުކޮށް، އުހުރަވީ ހަޔާތުން ފައިދާ އާއި ނަފާ ލިބިގަންނާން މިއީ ރަނގަޅު ފޯވައްސެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ރަމަޟާން މަސް ފާއިތުވުމުގެ ކުރީން، އެ މަހުން ފައިދާ ހާސިލު ނުކުރެވުނު މީހަކަށްވުރެ، ވަކީން ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެ ކަމަށެވެ. އެކަން ބަޔާންކޮށްދެއްވައި ކީރިތި ރަސޫލާ ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން މި ބަރަކާތްތެރި މަސް ތިޔަބައިމީހުންނާ ކުރިމަތިލައިފިއެވެ. ލައިލަތުލްޤަދްރި ނުހިމެނޭ އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއް، އެ މަހުގައި ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ ހަމަކަށަވަރުން ހުރިހައި ހެޔޮކަމަކުން މަޙްރޫމް ވެއްޖެއެވެ. އަދި އަބާއްޖަވެރިޔަކު ނޫނީ، އެ ރޭގެ ހެޔޮކަމަކުން މަޙްރޫމެއް ނުވާހުއްޓެވެ."
ޚަބަރު
ޚަބަރު
ޚަބަރު