އަބަދު މާޒީގައި ހިފަހައްޓައިގެން ތިބެގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށާއި މާޒީ ޖެހޭނީ ދޫކޮށްލަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަރާމާތަށްފަހު އިއްޒުއްދީން ފާލަން ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ މާހައުލުގައިވިޔަސް، ގައުމީ އެކިއެކި ކަންކަމުގައިވިޔަސް، އަދި ކުރިމަތިވެފައިވާ ހިޔާލުތަފާތުވުމަކުން ވިޔަސް އަރައިގަނެ، ގައުމާއި ދީން އިސްކޮށްގެން ކުރިއަށްދާން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.

"ސަބަބަކީ، އެއީ މި މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ގޮތަކީ. އަބަދު މާޒީގައި ހިފަހައްޓައިގެން ތިބެގެންނެއް، އަޅުގަނޑުމެންނަށް ލިބޭނެ ކުރިއެރުމެއް ނެތް. މާޒީ ޖެހޭނީ ދޫކޮށްލަން. ކުރިއަށްދިއުމުގެ އަޒުމް ކަނޑައަޅަން ޖެހޭނީ. ތިމާގެ އަމިއްލަ ހަޔާތުގައި، ތިމާގެ އާއިލާގެ ތެރޭގައި، ރަހުމަތްތެރިޔާއާ މެދުގައި، އޮފީސްތެރޭގައި، މަސައްކަތުގެ މާހައުލުގައި، ސިޔާސީ މައިދާނުގައި، ކުރިން ދިމާވި ކަމެއްގައި ހިފަހައްޓައިގެން ހުރެގެންނެއް ކުރިއަކަށެއް ނުދެވޭނެ. އަބަދުވެސް ބެލޭނީ ފަހަތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިސްލާމްދީން ދަސްކޮށްދެނީ ކުރިއަށްދާން، މާފުކުރަން، އެކުވެރިކަން އާލާކުރަން ކަމަށާއި ހިތްސާފުކޮށް ތާހިރުކުރަން ކަމަށެވެ. އަދި ދަސްކޮށްދެނީ ތިމަންނަގެ އަތުން އަނެއް މުސްލިމް އަހާއަށް، އެއްވެސް އުނދަގުލެއް، ދައްޗެއް ކުރިމަތިވިޔަ ނުދޭން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރިއަށްއޮތް ރަމަޟާން މަހު އިސްލާހުކުރަންވީ އަމިއްލަ ނަފްސު ކަމަށާއި އަމިއްލަ ނަފްސު އިސްލާހުކުރުމުގެ އަޒުމް ކަނޑައަޅައިގެން، އެ ނިޔަތްގަނެގެން ﷲއަށް ދުއާ ދަންނަވައި، އެކަމަށް ވާތްގަށް އެދި، މި ބަރަކާތްތެރި ރަމަޟާން މަސް ފަށަންވީ ކަމަށެވެ. އޭރުން އިސްލާހު ވެގެންދާނީ، ތަރައްގީ ވެގެންދާނީ، ފުރިހަމަގޮތުގައި މި ދިވެހި މުޖުތަމައު ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަހަލަ ކިތަންމެ ފާލަމެއް، ކިތަންމެ މަގެއް ހެދިދާނެ. ނަމަވެސް، ބޭނުމެއް ނެތް، ނިމިގެންދާން އޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ކާމިޔާބެއް، ފަލާހެއް ނެތިއްޔާ. މިއީ އެ ވަގުތަކީ. މާދަންވެސް ދުނިޔޭގައި ހުންނާނެ ކަމެއް ނޭނގެ. މިތަނުން ފައިބައިގެން ގެއަށްދެވޭނެ ކަމެއްވެސް ނޭނގެއެއް ނޫންތޯ؟ މި ވަގުތު އިސްލާހުވާން އަޒުމް ކަނޑަނާޅައި، މާދަން އިސްލާހުވާން ކަނޑައަޅަން ހުރުމުގެ ވިސްނުން ދެކޮޅުޖެހޭތޯ؟ މިއީ، އެހެން މީހަކަށް ކޮށްދޭ ކަމެއް ނޫނޭ. ތިމާގެ އަމިއްލަ ނަފުސަށް ކޮށްދޭކަމެކޭ. އެކަން ތިމާ އަމިއްލަ ނަފުސަށްޓަކައި ކުރަން ނުނިންމާހާ ހިނދަކު، މި ގައުމަކަށް ކުރިއެރުމެއް ނެތޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމަކީ ވަކިވަކި ފަރުދުން، އަފުރާދުން އެކުވެގެން އުފެދޭ އެއްޗެއް ކަމަށާއި ކޮންމެ މީހަކުމެ މިގޮތަށް އިސްލާހުވާން އަޒުމް ކަނޑަނާޅަންޏާ، ގައުމު އިސްލާހު ނުވާނެ ކަމަށެވެ. ކޮންމެ މީހަކު އަމިއްލައަށް، އެމީހާގެ ނަފުސު އިސްލާހުކޮށް، ހިތް ސާފުކޮށް، މާޒީ ދޫކޮށްލައި، ކުރިއަށްދާން ނިންމައި، އެކުވެރިކަމާއި، ވަރުގަދަ އަޒުމެއްގައި ކުރިއަށްދާން އަޒުމް ކަނޑަނާޅާހާ ހިނދަކު، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް، ތިމަންނާގެ އުޅުންތައް ބައްޓަންކުރަން ނުނިންމާހާ ހިނދަކު، ގައުމަކު ކުރިމަގެއް ނެތް ކަމަށެވެ.