ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު ނިއުލައިފް، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި، އެ ރަށުގައި ކުރިއަށްގެންދިޔަ އިހުތިޖާޖެއްގެ ތެރެއިން ފުލުހަކަށް ހަމާލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ޒަހަމްތަކަކާއެކު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެ ރަށު ނިއުލައިފް ގެއިންނެވެ. ޒަކިއްޔާ މަރުވެފައި އޮތް ތަނުން ވަޅިއެއް ވެސް ވަނީ ފެނިފައެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށާއި އެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއްވާ ކަމަށް ނުބެލެވޭ ކަމަށެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭ ކަމަށްބުނެ ހޮޅުދޫ ރައްޔިތުން، އެ ރަށުގެ ޕޮލިސް ސްޓޭޝަނަށް ވަދެ، މިމަހު ވަނީ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން އިހުމާލެވެފައިވާ ކަމަށެވެ. އެގޮތުން ފުލުހުންނަށް އިތުރަށް ދޭނެ އެއްބާރުލުމެއް ނޯންނާނެ ކަމަށާއި ބިރު ފަހަނައަޅާ ގޮސްފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހު ހޮޅުދޫގައި ކުރިއަށްގެންދިޔަ އިހުތުޖާޖުގެ ތެރެއިން ފުލުހަކަށް ހަމަލާދީ، ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައިވާ މައްސަަލައިގައި ދެ މީހަކު ކޯޓު އަމުރުގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި މީގެ ކުރިން ވެސް ހަތަރު އިހުތިޖާޖެއް އެ ރަށުގެ ރައްޔިތުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިރޭ ވަނީ ހޮޅުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއައްސަވައިފައެވެ.
އެ ބައްދަލުވުމުގައި ސީޕީ ޝުޖާއު ވިދާޅުވެފައިވަނީ، ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ވަގުތު ނަގަނީ، އެ މަރަކީ އާދައިގެ މަރެއް ކަމަށް ގަބޫލުނުކުރެވޭތީ، އެކަންކަން ބެލުމަށް ކަމަށާއި ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ނަމަ، ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ، ޒަކިއްޔާގެ އޮޓޯޕްސީ ނުހެދުމަކީ ހެދުނު ގޯހެއް ކަމަށާއި ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީ ނަހަދަން ނިންމި ޓެކްނިކަލް ސަބަބު ސާފުކުރެއްވުމަށްފަހު އެކަން ހާމަކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު