ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގެނައި އިސްލާހަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ ގައިރު ދުސްތޫރީ އިސްލާހެއް ކަމަށް ބާ ކައުންސިލުން މިއަދު ބުނެފިއެވެ.

މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް، ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކާބެހޭ ގާނޫނު ބަދަލުކުރަން ހުށަހެޅި ބިލު ޕީއެންސީގެ 68 މެންބަރުންގެ ވޯޓާ އެކު މިއަދު ވަނީ ފާސްކޮށްފައެވެ.

އެކަމާއި ގުޅިގެން ބާ ކައުންސިލުން ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބިލެއް ފާސްކުރި އިރު، އެ ބިލު ހުށަހެޅި ސަބަބާއި އެ އިސްލާހުން ހާސިލުކުރަން ގަސްދުކުރާ މަގުސަދު އެންގެން ނެތް ކަމަށެވެ. ދައުލަތުގެ އެއް ބާރާ ގުޅުންހުރި ކަމެއްގައި ގާނޫނު އިސްލާހުކުރާ ހާލަތުގައި އެ އިސްލާހު ގެންނަން ބޭނުންވާ ސަބަބާއި އެ އިސްލާހުން ހާސިލުކުރަން ބޭނުންވާ މަގުސަދަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށް އެނގިފައި އޮތުމަކީ ދެފުށްފެންނަ މިދިގްރާތީ މުޖުތަމައެއްގައި އަމަލުކުރަންވާނެ ގޮތް ނޫން ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާއި ގާނޫނު އަދި ދުސްތޫރީ ހަމަތަކާ ހިލާފު އިސްލާހުތަކެއް ކަމަށްވެސް ބާ ކައުންސިލުން ބުންޏެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ ޣައިރު ދުސްތޫރީ އިސްލާހެއް ކަމުގައި މި ކައުންސިލުން ދެކެމެވެ،" ބާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

ބާ ކައުންސިލުން އިތުރަށް ބުނީ، ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލު އެއްޗަކަށް ކަމަށް ގާނޫނުއަސާސީގައި ބުނާއިރު އެފަދަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމާއި އަދި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ބަޔާންކޮށްފައިވާތީ، މަޖިލީހުން މިއަދު ފާސްކުރި ބިލަކީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ވަރަށް އަސާސީ ކަންކަމާ ހިލާފު ބިލެއްކަމުގައި މި ކައުންސިލުން ދެކެމެވެ.

ބާ ކައުންސިލުގެ ބަޔާނުގައި ބުނީ، އެ ބިލު ދަސްދީގުނުކޮށް ބިލު އިސްލާހުކުރަން އަލުން މަޖިލީހަށް ފޮނުވުމަށް އެ ކައުންސިލުގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިފައިވާނެ ކަމަށެވެ.

ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކިކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތާ ހިލާފަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވާތީ ގާނޫނީ ފަންނުގެ ގާނޫނާ ހިލާފަށް ތަރުތީބުކުރެވޭ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކޮށްފައިވާ މެމްބަރުންނަށް ވެސް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.