ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު މިއަދު ސަސްޕެންޑުކުރީ ނެތް މައްސަލައެއް އުފައްދައިގެން ކަމަށާއި، އެއީ ގާނޫނާހިލާފު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެ ބޭފުޅުންނާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ސިޓީއަކުން އަންގާފައިވާތީ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރި އިރު، ސުޕްރީމް ކޯޓުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލަމުންނެވެ.

އެ މައްސަލަ ބައްލަވަމުން ގެންދަވަނީ ސުޕްރީމް ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރީ ވެސް، އަލީ ހުސެއިން ހުށަހެޅުއްވި އެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށްގެންދަން މިއަދަށް ތާވަލުކޮށްފައި އޮއްވައެވެ.

އެބޭފުޅުން ސަސްޕެންޑް ކުރެއްވި އިރު، އަލީ ހުސެއިން ހުންނެވީ އެ އަޑުއެހުމަށް ކޯޓަށް ވަޑައިގެންނެވެ.

އެ ފަނޑިޔާރުން ސަސްޕެންޑުކުރި މައްސަލައާ ބެހޭގޮތުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އަލީ ހުސެއިން ވިދާޅުވީ، ނެތް މައްސަލައެއް އުފަން ކުރުވައިގެން، ފަނޑިޔާރުން ވަކިކުރަން މަަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސާފުކޮށް މި ދަންނަވަނީ ހަގީގަތުގައި ފަނޑިޔާރުގެ ފުނޑާލަން ކުރާ މަސައްކަތްތަކެއް މިއީ، ހެކި ވެސް ހުންނާނީ އުފައްދާފައި،" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މިހާރު އޮތް ސުޕްރީމް ކޯޓަކީ، ރައްޔިތުންނާއި ވަކީލުންގެ އިތުބާރު އޮތް ސުޕްރީމް ކޯޓެއް ކަމަށެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ވެސް ކަން ކުރަމުން ދިޔައީ ވަރަށް އިންސާފުވެރިކޮށް ކަމަށް އަލީ ވިދާޅުވިއެވެ.

އެހެން ނޫންނަމަ، ސަރުކާރުގެ ބޭފުޅުން ސިފަކުރައްވާ ގޮތަށް އަޑުއެހުމެއް ނުބާއްވައިވެސް އޭނާ ހުށަހެޅުއްވި މައްސަލައިގެ ވަގުތީ އަމުރު ސުޕްރީމް ކޯޓަށް ނެރެވެން އޮތް ކަމަށްވެސް ވިދާޅުވިއެވެ.

"މި ގައުމުގައި ކަން ހިނގާ ގޮތަށް ބަލަންޏާ، އެ ބާރު ވެސް ފަނޑިޔާރުންނަށް އޮވެމެ، އަވަސް އަރުވާނުލައި ދެ ފަރާތަށް ވެސް ވަގުތުދީގެން އަޑުއެހުންތައް ތާވަލުކުރީ ހަގީގަތުގައި ސުޕްރީމް ކޯޓު ސިޔާސީ ނުވީމަ،" އޭނާ ވިދާޅުވިއެވެ.