ބޭހުގެ އަގު ކޮންޓްރޯލުކުރުމުގެ ފުރުސަތު މެޑިކަލް މާފިއާއަށް މި ސަރުކާރުން ނުދޭނެ ކަމަށާއި ބޭސް ލިބުމުގައި ހުރި ދަތިތައް އޭޕްރީލް 15ގެ ކުރިން އެއްކޮށް ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މީދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެސްޓީއޯގެ ރޭޓަށް ބޭހުގެ އަގުތައް ތިރިކުރީމާ ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށި ކަމަށާއި އެ ދަތިކުރުންތަކާ ގުޅިގެން ބޭސް މަދުވި ކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީން ހާއްސަ އެހީތެރިކަމެއް ދީގެން، އެސްޓީއޯ އިން އެދަނީ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތްކުރަމުން ކަމަށާއި މެޑިކަލް މާފިއާއަށް ބޭސްތައް ކޮންޓްރޯލުކުރުމުގެ ފުރުސަތު ނުދީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ މެޑިސިން ލިސްޓުގައި ހުރި ހުރިހާ ބޭހެއް ގެންނާނެ ކަމަށެވެ.

"މިގޮތުން ބަލައި އިރުގައި، އެފްއެފްޑީއޭގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހުރި ހުރިހާ ބޭހެއް 15 މާޗް، މި އަންނަ މަހުގެ 15 އާ ހަމައަށް ދާއިރުގައި ގެނެސް ހަމަކޮށް، މާޗް 15 އިން ފެށިގެން އެސްޓީއޯގެ ބޭސްފިހާރަތަކުން އެސެންޝަލް ބޭސް ލިސްޓުގައި ހުރި ހުރިހާ ބޭހެއް އެއްވެސް ކަންބޮޑުވުމެއް ނެތި ރައްޔިތުންނަށް ލިބެމުންދާނެކަމުގެ ޔަގީންކަން ދެން. ހަމައެއާއެކީގައި ދެން ހުރި ހުރިހާ މެޑިސިންއެއް ވެސް، އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހުރި ހުރިހާ ބޭހެއް ވެސް އޭގެ އެއް މަސްދުވަސް ފަހުން، 15 އޭޕްރީލުން ފެށިގެން އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކުން ލިބެމުންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓާއިން ރައްޔިތުންނަށް އުނދަގޫކުރުމަށް ކުރާ މަސައްކަތް އެއްކޮށް ހައްލުކުރައްވާނެ ކަމަށާއި އެ ފަރާތްތަކުން މިއޮތްހާ ދުވަހު ދިޔައީ ރައްޔިތުންގެ ފައިސާ "ޑްރެއިން" ކުރަމުން ކަމަށެވެ. އަދި އެކަން ހުއްޓުވުމުން މައްސަލަތައް ކުރިމަތިކުރުވި ނަމަވެސް، 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.