ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސްތަކުން މާލެ ސަރަހައްދުން މިހާތަނަށް ޖުމުލަ 15،000 މަސްދަޅު ކޭސް ފޯރުކޮށްދީފައިވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގޭބިސީތަކަށް ދޭ މަސްދަޅު ކޭސް ބަހަން ފެށީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު މަސްދަޅު ކޭސް ބަލައި ދިޔަ މީހުންގެ ކިޔު ދިގުވެ، އެކަމަށް ހައްލު ގެނައުމަށް ހޮނިހިރު ދުވަހު ވަނީ ޓޯކަން ނަމްބަރެއް ދޫކުރަން ހަމަޖައްސައި، އެ ނަމްބަރު ނެގުމަށް ސްކޭން ކޯޑެއް ތައާރަފު ކޮށްފައެވެ.
އެ ނިޒާމުގެ ތެރެއިން މާލެ ސަރަހައްދުގެ 13 ތަނަކުން 50 ޓޯކަން އާއި 200 ޓޯކަންއާ ދެމެދުގެ އަދަދަކަށް ނަމްބަރު ދޫކުރިއެވެ. އެއީ މާލޭގެ އިތުރުން ހުޅުމާލެ ފޭސް އެކެއް، ދޭއް، މާލެ އަދި ވިލިމާލެންނެވެ. ނަމަވެސް އެ މަސައްކަތް އިތުރަށް އަވަހަށް ކުރިޔަށް ގެންދިއުމަށް އިތުރު ޓޯކަން ދޫކޮށްފައިވެއެވެ.
ޝަރީފުގެ އެކްސްގައި މިއަދު ވިދާޅުވީ މިހާރު ހަމަޖައްސާފައިވާ އިންތިޒާމުތަކާ އެކު ވަރަށް ފަސޭހަ ގޮތެއްގައި ކުރިއަށްދާ ކަމަށާއި ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
"ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަގީންކަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ." އޭނާ ވިދާޅުވިއެވެ.
ޝަރީފް އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އަދި ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށާއި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު