އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) މަސައްކަތް ނިންމައި ވަރަށް އަވަހަށް ދ. މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު މާއެނބޫދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މާއެނބޫދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެ ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދުމަށް ކަމަށެވެ. ސަރުކާރުން އިސްކަންދޭނީ ރަށުގެ ރައްޔިތުން ބޭނުންވާ ތަރުތީބުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ކަމަށްވާތީ، މާއެނބޫގެ ބިން ހިއްކުމުގެ މަސައްކަތަށް ސަރުކާރުން ވެސް އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިހާރު އެ ކުރިއަށްދާ މަރުހަލާ އާދެ އެއީ އީއައިއޭ ނިންމުން. އީއައިއޭ (އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް) ނިންމުމަށްޓަކާ ކުރާ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާ އީޕީއޭއާ ދެމެދު އެބަކުރިއަށްދޭ. އެކަން ހަމަ ނިމުނުހާ އަވަހަކަށް މި ރަށުގަ މިހާރު އެމްޓީސީސީ އެ މަސައްކަތައް ތައްޔާރުކޮށްފައި އޮންނާނީ. އީއައިއޭ ފާސްވުމާއެކީގައި ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން ފެށޭނެ. ފެށި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސްދޭނަން، ގެންގޮސްދީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރިޔާސީ އިންތިހާބުގައި ތިބޭފުޅުންނަށް ވައުދުވީ ގޮތަށް 30 ހެކްޓަރު ހިއްކާފައި ނިންމާލާނެ ކަމުގެ ޔަގީންކަންދެން. ތިބޭފުޅުން ބޭނުންވެލައްވާ ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން ރަށެއްގެ ގޮތުގައި ހިކިގެންދާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަށް އެ ރަށަށް ވަޑައިގެންނެވި އެންމެ ބޮޑު ބޭނުމަކީ ވެސް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ދެއްވުން ކަމަށާއި މާއެނބޫދޫ ރައްޔިތުން ބޭނުންވެފައިވާ ޒަމާންވީ ތަރައްގީ ގެނެވޭނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ކަމަށެވެ. އަދި މާއެނބޫދުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް "ރެޑީ ޓު ސްޓާޓް ހާލަތުގައި" ކަމަށާއި އީއައިއޭ ދާދި އަވަހަށް ފާސްވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓިފައިވާ އެހެން މަޝްރޫއުތައް އަންނަ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އެހެންކަމުން މާއެނބޫދުގައި ފަށައި ހުއްޓިފައިވާ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާއެނބޫދުގެ ފެނާއި ނަރުދަމާގެ މަސައްކަތާއި އެހެން މަޝްރޫއުތައް ވެސް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތުގައި ލަސްކަމެއް ހުރި ނަމަވެސް އެ މަސައްކަތް ކުރިއަށް އޮތް 70 ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާއެނބޫގެ ސިއްހީ މަރުކަޒަށް ބޭނުންވާ ކަންކަން ވެސް ސަރުކާރުން ކޮށްދޭނެ ކަމަށެވެ. އަދި ކުރީ ސަރުކާރުން ވަނީ އެއް މަޝްރޫއެއް އެކިއެކި ކުންފުނިތަކާ ހަވާލުކޮށްފައި ކަމަށާއި ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދިޔުން ކަމަށެވެ. ސަރުކާރު ކުންފުނިތަކުން އެކަން ކުރާނީ މަޝްރޫއަށް ބޭނުންވާ ތަކެތި ބަލްކުކޮށް އެތެރެކޮށްގެން ހަރަދު ކުޑަކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރެއް އަދި އައުޓްޑޯ ޖިމެއް ހަދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދެ އަހަރުގެ ތެރޭގައި މާއެނބޫދޫގައި ވެސް ފިޓްނެސް ސެންޓަރަކާއި އައުޓްޑޯ ޖިމެއް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރާނެ ކަމަށް އެ މަނިކުފާނު ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި ދ. އަތޮޅަށް ވެސް އެ ހިދުމަތް ތައާރަފު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރަށްރަށުގެ ހުންނަ ފެނަކައިގެ އިންޖީނުގެ ގެތަކުގެ މައްސަލަ، ޖަނެރޭޓަރުގެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. މާއެނބޫދުއަށް ވެސް އެ މައްސަލަތައް ދިމާވެފައިވާ ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރޯދަ މަހުގެ ނިޔަލަށް އެންމެ ބޮޑަށް ޖަނެރޭޓަރު ބޭނުންވާ ރަށްރަށަށް ޖަނަރޭޓަރު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުގެ މަތިން ފުރަތަމަ ބުރުގައި ނުވަތަ ދެވަނަ ބުރުގައި މާއެނބޫދުއަށް ވެސް ޖަނަރޭޓަރެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.