ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ތަރައްގީކޮށް، އެ ޕޯޓް ހިންގަން އިކޮނޮމިކް މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ރިޝްވާނެވެ.

އެމްޕީއެލް އިން ބުނީ، އެ ކުންފުންޏާ ހަވާލުކޮށްގެން ކުޑަހުވަދޫގައި ތަރައްގީކުރާ ޕޯޓުގެ މައިގަނޑު މަސައްކަތަކަށް ވާނީ ޕޯޓް-ޓު-ޕޯޓް ލޮޖިސްޓިކް ކަމަށެވެ. އަދި އެ ޕޯޓާއެކު ކުޑަހުވަދޫގައި މުސްތަގުބަލުގައި ޑިސްޓްރިބިއުޝަން ހަބެއްގެ ގޮތުގައި ތަރައްގީވެ، އިގުތިސާދީ ގޮތުން ކުރިއެރުންތައް ހޯދޭނެ މަގުފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ، ކުޑަހުވަދޫ ޕޯޓުގައި ކުރިއަށް އޮތް ތަނުގައި ބޮންޑަޑް ވެއާހައުސް ހަދައި، އިތުރު ހިދުމަތްތައް ތައާރަފުކުރުމަކީވެސް އެ ކުންފުނީގެ ވިސްނުމެއް ކަމަށެވެ.