ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ބަލަން ފަށައިފިއެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލައި އިއްޔެ ވަނީ ހޮޅުދޫގައި ހުންނަ ޕޮލިސް ސްޓޭޝަން ކުރިމަތީ އިހުތިޖާޖުކޮށްފައެވެ. ފުލުހުން އެ އިހުތިޖާޖުގެ ބައެއް ބައިވެރިންނާ ދެކޮޅަށް ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ.

އެންއައިސީީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާާލުވެފައިވާ ކަމަށްބުނެ، ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވެމުންދާ ކަމަށެވެ.

"މިއީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ، ގާނޫނު ނަންބަރު: 2025/27 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު)ގެ 37 ވަނަ މާއްދާގެ ދަށުން ކޮމިޝަންގެ އަމިއްލަ އިސްނެގުމުގެ މަތިން އެ މައްސަލަ ތަހުގީގު ކުރުމުގައި ގާނޫނާއި ގަވާއިދާ ފުލުހުން އަމަލު ކުރަންޖެހޭ އުސޫލުތަކާ ހިލާފަށް ދިވެހި ފުލުހުން އަމަލުކޮށްފައިވޭތޯ ބެލުމަށް 20 ފެބްރުއަރީ 2025 ގައި ކޮމިޝަނުން ނިންމާފައިވެއެވެ..،" އެންއައިސީން ބުންޏެވެ.

އެންއައިސީީގެ އިތުރުން ޒަކިއްޔާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވެސް ދަނީ ބަލަމުންނެވެ.

އެޗްއާރުސީއެމުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ގާތްތިމާގެ މީހުންގެ ފަރާތުން ވަނީ އެ މައްސަލައިގެ ތަހުގީގު ދާ ގޮތާމެދު ކަންބޮޑުވުންތަކެއް ހުށަހަޅައިފައި ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް މި ކޮމިޝަނުން ބެލުމަށް މި މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ. މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން މިހާރު ދަނީ ދިރާސާކުރަމުންނެވެ..،" އެޗްއާރުސީއެމުން ބުންޏެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފުލުހުން ދަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަން ވެސް ހޯދަމުންނެވެ.

ފުލުހުން މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި ބުނެފައިވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދަމުންދާ ކަމަށެވެ. އެގޮތުން ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުން ހޯދައިފައިވާ ހޯދުންތައް، އެމެރިކާގެ އެފްބީއައިއާ ހިއްސާކޮށް، އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް ޒަކިއްޔާގެ މަރުގެ މައްސަލަ ރިވިއު ކުރުމަށްޓަކައި ހޮޅުދުއަށް ޒިޔާރަތްކޮށް މައްސަލައިގެ ތަހުގީގު މުރާޖައާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ޓީމުން ދަނީ މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަހަމްތަކަކާއެކު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެ ރަށު ނިއުލައިފް ގެއިންނެވެ. ޒަކިއްޔާ މަރުވެފައި އޮތް ތަނުން ވަޅިއެއް ވެސް ވަނީ ފެނިފައެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށާއި އެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއްވާ ކަމަށް ނުބެލެވޭ ކަމަށެވެ.

ނަމަވެސް ޒަކިއްޔާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށްބުނެ ހޮޅުދޫގެ ރައްޔިތުން އިހުތިޖާޖުކުރި ފަހުން، ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވެފައިވަނީ، ޒަކިއްޔާގެ ކަރުގައި ފަސް ޒަހަމެއް ހުރި ކަމަށާއި އޭގެ ތެރޭގައި ފުން ޒަހަމްތައްވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ކަރުގެ ވާތް ފަރާތުގައި ފުން ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުން ދެ ޒަހަމެއް ހުރި އިރު، ކަރުގެ މެދާ ހަމައިގައި ތިލަކޮށް ހުރި ޒަހަމެއް ވެސް ހުރި ކަމަށާއި އެ ނޫން ޒަހަމެއް ހަށިގަނޑުގައި ނެތް ކަމަށް ސާމިހު ވިދާޅުވެފައިވެއެވެ.

ސާމިހު ވިދާޅުވެފައިވަނީ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ތަނުގައި އޮތް ވަޅިއަކީ، އޭނާ ދިރިއުޅޭ ގޭގައި ގެންގުޅޭ ވަޅިއެއް ކަމަށާއި އޭގައި ހުރި ލެޔަކީ ޒަކިއްޔާގެ ލޭ ކަމަށެވެ.

"ވަޅީގެ ފިންގާ ޕްރިންޓުގެ ނަތީޖާ އަދި ނުލިބޭ. ނަމަވެސް އޭގައި ހުރީިި ޒަކިއްޔާގެ ލޭ،" ސާމިހު ވިދާޅުވެފައިވެއެވެ.

ސާމިހު ވިދާޅުވެފައިވަނީ، ސީސީޓީވީ ފޫޓޭޖުންނާއި ތަހުގީގަށް މިހާރު ލިބިފައި ހުރި ބަޔާންތަކުން ޒަކިއްޔާގެ މަރުގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ތަހުގީގު ދަނީ އަދިވެސް ކުރިއަށް ކަމަށެވެ.

ސާމިހު ވިދާޅުވެފައިވަނީ ޒަކިއްޔާ މަރުވީ ކަރަށް ލިބިފައި ހުރި ޒަހަމްތަކުން ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ކަރުގެ ނާރެއް ވަނީ ބުރިވެފައެވެ. އަދި އޭނާގެ ކަރުގައި ހުރީ ވަޅި އަޅާފައި ހުރިކަމުގެ ނިޝާންތަކެކެވެ.

"ހެސިޓޭޝަން މާކްތައް ހުރި، ވަޅި ކާއްތާފައި ހުރި ކަހަލަގެ ނިޝާންތައް،" ސާމިހު ވިދާޅުވެފައިވެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ބަލި ތަހައްމަލުކުރާ މީހެކެވެ. އެކަން ފުލުހުންވެސް "ވަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.