ހުޅުމާލެ ފޭސް 2 ގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުން ކާނާ ވިހަވެގެން ރޭ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ހުރިހާ މީހުން ދޫކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ރޭ ބުނެފައިވަނީ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ކާނާ ވިހަވުމުގެ ސަބަބުން ފަރުވާ ދެމުންދާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ހުރިހާ އެންމެންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައިވާ ކަމަށެވެ.

ބަންދުގައި ތިބި މީހުން ކާނާ ވިހަވި މައްސަލަ ބަލަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެ، ބައެއް ފަރާތްތަކުގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ މައްސަލަ ކޮމިޝަނުން ދަނީ ގާތުން ބަލައި މޮނިޓާ ކުރަމުން ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

އަދި ކާނާވި ވިހަވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.